02 ސެޕްޓެމްބަރ 2023 - 11:15

ފުލުހުންނަށް ވޯޓުލުމުގެ ފުރުސަތު ނުދިނުމަށް އެމީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަނަކަށް ޑިއުޓީއަށް ފޮނުވަން އުޅޭ ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރި ތުހުމަތުތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
އިދިކޮޅުގެ ގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި ވަނީ ވަނީ ފުލުހުންނާއި ސިފައިން، އެމީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ތަން ނޫން އެހެން ތަކަށް ޑިއުޓީއޭ ކިޔައި ފޮނުވައި އެމީހުންނަށް ވޯޓުލުމުގެ ހައްގު ގެއްލުވާލަން ސަރުކާރުން މަސައްކަތްކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި ފުލުހުން އެކި ރަށްރަށަށް ޑިޕްލޯއި ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓް ލުމުގެ ހައްގު ގެއްލިގެންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކައަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ކަމެއް ނޫން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ އޮޕަރޭޝަނަކީ ވަކިވަކި ފުލުހުން ދާންޖެހޭ ތަންތަން ދުރާލާ ކަނޑައެޅި، އެ ރަށްތަކަށްދާ ފުލުހުން އެ ރަށަކަށް ރީ ރަޖިސްޓްރީކުރެވިގެން ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން ހިންގާ އޮޕަރޭޝަނެކެވެ.
މިމަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިހާބު ބާއްވާ ގޮތަށް ހަމަޖެހިފައިވާއިރު މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް ފުލުހުން ވަނީ ރަށްރަށުގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓައިފަ އެވެ.