"އާޝިގީ 3" ގައި ކާތިކްއާ އެކު އަކަންކުޝާ
"އާޝިގީ 3" ގައި ކާތިކްއާ އެކު އަކަންކުޝާ

ބޮލީވުޑްގެ އަސަރުގަދަ ލޯބީގެ ފިލްމު ފްރެންޗައިޒް "އާޝިގީ"ގެ ތިންވަނަ ފިލްމުގެ ލީޑު ރޯލުން ކާތިކް އަރްޔަންއާ އެކުގައި ފެންނާނީ އިންޑިއާގެ ކަނައްޑާ ފިލްމު އިންޑަސްޓްރީގައި މަޝްހޫރު ތަރި، އަކަންކުޝާ ޝަރުމާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އަކަންކުޝާ ވަނީ އެ ފިލްމުގެ އުފެއްދުންތެރިންނާ މިފަހުން ވަރަށް ގިނައިން ބަދަލުކޮށްފަ އެވެ.

އަނޫރާގު ބާސޫ ޑައިރެކްޓުކުރާ މި ފިލްމުގެ ލީޑަށް ޖެނިފާ ވިންގެޓް އާއި ފާތިމާ ސަނާ ޝައިހް ނަގަން އުޅުނު ކަމަށް ވެސް މީގެ ކުރިން އަޑުފެތުރުނެވެ.

"އާޝިގީ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 1990 ގަ އެވެ. އެ ފިލްމުގައި ލީޑު ރޯލުތައް ކުޅުނީ ރާހުލް ރޯއީ އާއި އަނޫ އަގަރުވާލެވެ. އެ ނަމުގައި ދެވަނަ ފިލްމެއް ގެނެސްދިނީ 2013 ވަނަ އަހަރެވެ. ޝްރައްދާ ކަޕޫރާއި އަދީތިޔަ ރޯއީ ކަޕޫރު ލީޑު ރޯލުތައް ކުޅުނު އެ ފިލްމަކީ ވަރަށް ހިޓުވި، ކާމިޔާބު ފިލްމެކެވެ.

ތިންވަނަ ފިލްމު ޝޫޓިން މި އަހަރު ފަހުކޮޅުގައި ފަށައި، އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.