02 ސެޕްޓެމްބަރ 2023 - 07:03

އޭނާގެ ބެއްލެވުމުގެ ދަށުން ހަތް އަހަރުގެ ތެރޭގައި ހައުސިން މިނިސްޓްރީން 13 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގި ކަމަށާއި އެކަމަކު "އެންމެ ރުފިޔާއެއްގައި ވެސް ޖެހިފައި ނޯންނާނެ" ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު އެހެން ވިދާޅުވީ ލ. ފޮނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.

މުއިއްޒު ވިދާޅުވީ، ހައުސިން މިނިސްޓްރީގައި އެ ހަތް އަހަރު އެތައް ފައިނޭންސް އެގްޒެކެޓިވުންނަކާއި މާލީ ޒިންމާދާރުވެރިންނާއި 1،500 އެއްހާ މުވައްޒަފުން ތިބި ކަމަށާއި ފައިސާއާ ގުޅޭ ވަކި މަޝްރޫއެއް ވަކި ބަޔަކާ އޭނާ ހަވާލުކުރި ކަމަށް އެ އިން ވެސް މީހަކު އަދި މުވައްޒަފަކު ވެސް ނުބުނާނެ ކަމަށެވެ. ވަކި ބަޔަކަށް ފައިސާ ދިނުން ހައުސިން މިނިސްޓްރީން އަވަސް ކުރަން ވެސް މުވައްޒަފުންނަށް ދަންނަވާފައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ މައްޗަށް ކުރާ އެއްވެސް ތުހުމަތަކުން ރެކިވަޑައިނުގަންނަވާނެ ކަމަށާއި މާލޭގެ މޭޔަރުކަމަށް ކުރިމަތިލެއްވުމުން ވެސް އެފަދަ އެތައް ވާހަކަތަކެއް ދެއްކި ކަމަށެވެ.
"ކޮންމެ އެއްޗަކަށް އަޅުގަނޑު ޖަވާބު ދިނިން. ސާފުކޮށް ޖަވާބު ދިނިން. މިހާރު ވެސް ޖަވާބު ދޭނަން. އަޅުގަނޑު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނޯންނާނެ. ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް އިރަކު ކުރި ކަމެއް ނޯންނާނެ. މިހާރަކު ވެސް ނުކުރަން. ކުރިއަށް އޮތް ތާނގައި ވެސް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ، މި ސަރުކާރުގައި ހުރިހާ ބާރެއް އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ މުއައްސަސާތަކަށް އެބައޮތް ކަމަށާއި އެކަމަކު އޭނާއާ ދެކޮޅަށް ދެއްކޭނެ ކަމެއް ނޯންނާނެ ކަމަށެވެ. ވިދާޅުވީ، އޭނާއާ ދެކޮޅަށް ހެކި "އުފައްދައިގެން" ނޫން ގޮތަކަށް ކަމެއް ނުދެއްކޭނެ ކަމަށެވެ.
"ފެބްރިކޭޓް ކުރަން ޖެހޭނީ. އަޅުގަނޑު ބިރެއް ނުގަންނަން އެއްވެސް މީހަކު ދެކެ ﷲ ސުބުހާނަހޫ ވަތައާލާ ފިޔަވައި. އަޅުގަނޑު ޖަވާބުދާރީވާން ޖެހޭ ފަރާތް އަޅުގަނޑަށް އެނގޭ އާހިރަތް ދުވަހުން. އެހެންވީމާ އަޅުގަނޑެއް ނުކުރާނަން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ދުވަހަކު ވެސް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވިގޮތުގައި މި އިންތިހާބުގެ ވޯޓުގެ ކުރިއަށް މި އޮތް 8 ދުވަހު އިތުރު ކަންކަން އޭނާއާ ދެކޮޅަށް ސަރުކާރުން ކުރިމަތި ކުރާނެ އެވެ. ނަމަވެސް ޖަވާބުދާރީވާން ހުންނެވީ ކެރިގެން ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުން އަޅުގަނޑާ އެކީގައި ކުރިއަށް ދާން ތިބިއްޔާ އަޅުގަނޑު މި ހުރީ ރައްޔިތުން ގޮވައިގެން ކުރިއަށް ދާން ތައްޔާރަށް" ރޭގެ ޖަލްސާގައި ވާހަކަ ނިންމާލައްވަމުން މުއިއްޒު ވިދާޅުވި އެވެ.