އެމްޑީޕީގެ މާލޭ ޕްލޭން: ސިނަމާލެ ބްރިޖު ފުޅާކޮށް, ފުނަދޫ ބިޒްނަސް ހޮޓަލަކަށް
އެމްޑީޕީގެ މާލޭ ޕްލޭން: ސިނަމާލެ ބްރިޖު ފުޅާކޮށް, ފުނަދޫ ބިޒްނަސް ހޮޓަލަކަށް

މާލެ ކައިރީގައި ތެޔޮ ރައްކާކުރާ ރަށެއްގެ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ނަގައި އެ ތަނުގައި ކޮންވެންޝަން ސެންޓަރެއް ގާއިމް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާން ކުރައްވައިފި އެވެ.

އެމްޑީޕީގެ މާލޭގެ ޕްލޭން އިއުލާން ކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ހާމަކުރެއްވި ގޮތުގައި ފުނަދޫގައި ކޮންވެންޝަން ސެންޓަރަކާ އެކު ބިޒްނަސް ހޮޓަލެއް ގާއިމްކޮށް މާލެއާ އެ ރަށް ގުޅާލާނެ އެވެ.

"އެކަމަށް ބޭނުންވާ ފައިސާ ބޭރުގެ އަޅުގަނޑުމެންގެ ރައްޓެހި ގައުމަކުން މިހާރު ވަނީ ކަނޑައަޅާ ނިންމާފައި. އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.

މާލެ އަށް އެމްޑީޕީން ގެންގުޅޭ ތަސައްވަރު ހާމަކޮށްދޭ ވީޑިއޯއެއް ޖަލްސާގައި އާންމުކޮށްފައިވާއިރު އޭގައިވާ ގޮތުން ސިނަމާލެ ބްރިޖްގެ ތޮއްޖެހުން ކުޑަކުރުމަށް ބްރިޖު ފުޅާކުރުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފަ އެވެ.

ޕްލޭނުގައިވާ ގޮތުން ބްރިޖަށް އިތުރު ދެ ލޭން އިތުރުކޮށް، ޕަބްލިކް ޓްރާންސްޕޯޓް ފުޅާކުރުމަށް ރޭލްގެ ހިދުމަތް ފަށާނެ އެވެ. އެ ހިދުމަތް ފަށާނީ ސިނަމާލެ ބްރިޖު ހިނެމޭ ގޮތަށް ވިލިމާލެ ބްރިޖު ވެސް ހިމެނޭ ގޮތަށެވެ.

މީގެއިތުރުން ހުޅުމާލޭގައި ގާއިމް ކުރަން ނިންމި ސަފާރީ މެރީނާ ދިޔަނެރު ފަޅުގައި ތަރައްގީ ކުރަން ވެސް ޕްލޭނުގައިވެ އެވެ.

މާލޭގެ ޕާކިން މައްސަލަ ހައްލު ކުރުމަށް ނެއިބަހުޑް ޕާކިން އިމާރާތްތަކެއް އަޅަން ވެސް ޕްލޭންގައި ހިމަނާފައިވެ އެވެ. އަދި، މާލޭގެ ބާޒާރު ސަރަހައްދަށް ގެންނަ ބޮޑު ބަދަލު ވެސް ހިމަނާފައިވެ އެވެ. މާލޭގެ އުތުރު ފަރާތުގައި އޮތް ބަނދަރު އެ ތަނުން ގުޅިފަޅަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ ވިސްނުމެވެ.

ބަނދަރު އެތަނުން ނެގުމަށްފަހު ކްރޫސް ޓާމިނަލެއް ގާއިމްކުރުމަށް ނިންމާފައިވެ އެވެ. އަދި، އެ ސަރަހައްދުގައި ޝޮޕިންމޯލްތަކާއި ސިނަމާތައް އަދި އެހެން ވެސް ވަސީލަތްތަކާ އެކު ހިތްފަސޭހަ ތަނަކަށް ހަދަން ޕްލޭންގައި ހިމަނާފައިވެ އެވެ. ހިނގާފައި އުޅޭ މަގުތައް ވެސް ތައާރަފްކުރަން ޕްލޭންގައި ހިމަނާފައިވެ އެވެ.

ބާޒާރު މައްޗަށް ގެންނަ ބަދަލުގެ ޕްލޭން މީގެކުރިން ވެސް ޕްލޭނިން މިނިސްޓްރީން އާންމުކޮށްފައިވެ އެވެ.

މީގެއިތުރުން، މިހާރު މަސައްކަތް ކުރަމުންދާ ވިލިމާލެ-މާލެ ބްރިޖުގެ މަޝްރޫއުއާ އެކު މާލެ ސަރަހައްދަށް އަންނާނެ ބަދަލު ވެސް ޕްލޭންގައި ހިމަނާފައިވެ އެވެ. މާލެ، ވިލިމާލެ، ތިލަފުށި، ގުޅިފަޅު އަދި ގިރާވަރު ފަޅު ބްރިޖުން ގުޅާލައި އެ ތަންތަން ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް ބުންޏެވެ.

"މާލޭގައި ދިރިއުޅޭ އެންމެންނަށް ވެސް އަމާން، އުފާވެރި ދުޅަހެޔޮ ދިރިއުޅުމެއް އުޅޭނެ ގޮތް ތަނަވަސްކޮށްދިނުމަށް ފަހު ހަމަނޭވާލެވޭނެ ފުރުސަތު އެންމެހާ ރައްޔިތުންނަށް ފަހިކޮށްދިނުން ކަށަވަރުކޮށްދޭނެ،" ޕްލޭނުގައިވެ އެވެ.