ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ސަރުކާރަށް ބަދަލެއް ނުގެނެވޭނެ: ސުއޫދު
ކުރީގެ ރައީސުންގެ އިނާޔަތްތަކަށް ސަރުކާރަށް ބަދަލެއް ނުގެނެވޭނެ: ސުއޫދު

ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތައް ކުޑަކޮށް، ސަރުކާރުން އުސޫލެއް ހެދިޔަސް އެގޮތަށް އިނާޔަތްތައް ކުޑަ ނުކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

ސުއޫދު އެގޮތަށް ވިދާޅުވީ ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކާއި ޚަރަދުތައް ކުޑަކޮށް، ފިނޭންސް މިނިސްޓްރީން އުސޫލެއް ހަދާފައިވާތީ އެކަމާ ބެހޭ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ލަފައަކަށް އެދިވަޑައިގަތުމުން މައުމޫނަށް ސުއޫދު ދެއްވި ލަފާގަ އެވެ.

މައުމޫނަށް ސުއޫދު ފޮނުއްވި ސިޓީގައިވަނީ ކުރީގެ ރައީސުންނަށް ދެމުންދާ އިނާޔަތްތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ދެމުންދާ އިނާޔަތަކަށް ވާއިރު އެ އިނާޔަތް ކުޑަ ކުރެވޭނީ ނުވަތަ އެކަމާ ބެހޭ އުސޫލެއް ސަރުކާރަށް ހެދޭނީ އެ ގާނޫނުން އެ ބާރު ސަރުކާރަށް ދީފައި އޮތް ނަމަ ކަމަށެވެ. އެކަމަކު ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައި، އެކަމުގެ އުސޫލުތައް ބަޔާންކޮށް ގަވާއިދު ހެދުމުގެ ބާރު ސަރުކާރަށް ދީފައި ނެތް ކަމަށް އެ ސިޓީގައި ސުއޫދު ވިދާޅުވެފައިވެ އެވެ.

"ގާނޫނު އަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކަށް ނުވަތަ އެއިން ގާނޫނެއްގައި ބަޔާންކޮށްފައިވާ ކަމަކަށް ބަދަލު ގެނެވޭނީ ނުވަތަ އުސޫލަކަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުންނެވެ،" އެ ސިޓީގައި ސުއޫދު ވިދާޅުވެފައިވެ އެވެ.

އެ ސިޓީގައި ސުއޫދު ވިދާޅުވެފައިވަނީ ކުރީގެ ރައީސުން ދިރިއުޅުއްވާ ތަނުގެ ޚަރަދާއި އޮފީސް ހިންގުމުގެ ޚަރަދަށް އެންމެ ގިނަވެގެން ދެވޭނެ އަދަދު ގާނޫނުގައި ބަޔާން ކޮށްފައި ވާއިރު އެ އަދަދަށް ވުރެ އިތުރުނުވާނެ ގޮތަށް އިނާޔަތް ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެކެވެ. އަދި އެ އަދަދު އިތުރަށް ކުޑަ ކުރުމަކީ ސަރުކާރުގެ ވުޒާރާއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ސިޓީގައި ސުއޫދު ވިދާޅުވެފައިވެ އެވެ.

ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައި ކުރީގެ ރައީސުން ދިރިއުޅުއްވާ ތަނުގެ ޚަރަދަށް މަހަކު 50،000ރ. އާ ހަމަ އަށް ދައުލަތުން ޚަރަދު ކުރަން ޖެހޭ ގޮތަށް އޮތަސް ފިނޭންސް އިން ހެދި އުސޫލުގައި ބުނެފައިވާ ގޮތުން އެކަމަށް އެންމެ ގިނަވެގެން ޚަރަދު ކުރެވޭނީ މަހަކު 30،000ރ. އެވެ.

އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު 175،000ރ. އާ ހަމައަށް ދައުލަތުން ޚަރަދު ކުރަން ޖެހޭ ގޮތަށް ގާނޫނުގައި އޮތަސް ފިނޭންސުން ހެދި އުސޫލު ބުނާ ގޮތުން އެކަމަށް އެންމެ ގިނަވެގެން ޚަރަދު ކުރެވޭނީ މަހަކު 87،000ރ. އެވެ. އެގޮތަށް އޮތަސް ފައިސާ ދޫކުރާނީ ފިނޭންސް އަށް ހުށަހަޅާ މައުލޫމާތުގެ މައްޗަށް ބިނާ ކުރުމަށް ފަހު ކަމަށް އުސޫލުގައިވެ އެވެ.

މީގެ އިތުރުން ކުރީގެ ރައީސުންނާއި އެ ބޭފުޅުންގެ އަނބިކަނބަލުންގެ ބޭސްފަރުވާ އާއި ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އުސޫލުތަކަށް ވެސް ފިނޭންސުން ވަނީ ބަދަލު ގެނެސްފަ އެވެ.

އެ އިނާޔަތްތަކަށް ބަދަލު ގެނައީ ރައީސް އަބްދުﷲ ޔާމީނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް އުފެދި، ސަރުކާރާ ދެކޮޅަށް މައުމޫން މަސައްކަތް ކުރައްވަމުން ދަނިކޮށް މިދިޔަ އަހަރު ފަހުކޮޅު އެވެ.