01 ސެޕްޓެމްބަރ 2023 - 10:49

މި ހަފުތާ ބަންދުގައި މުޅި ރާއްޖެއަށް ވައިގަދަވެ، ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ލަފާކޮށްފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ އިރު، ބައެއް ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ވަޔާއި ކަނޑު ވެސް ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި، މޫސުން އަލިވާނެ ކަމަށް ބެލެވެނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންނެވެ.
"ހުޅަނގު މޫސުމުގެ ވިއްސާރަ ހަމަ މި ކުރަނީ. މި ދުވަސްކޮޅު އަނެއްކާވެސް ކުޑަކޮށް ބާރުގަދަވީ،" އޮފިޝަލް ވިދާޅުވި އެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ބާނި އެންމެ ބޮޑު ވާނީ މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތަކުގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް، ށ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.