01 ސެޕްޓެމްބަރ 2023 - 06:37

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ހެކަތޮން "ދަ މޯލްޑިވްސް އޯޝަން ހެކަތޮން" ތައާރަފްކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ހެކަތޮން އަކީ ވޯލްޑް ބޭންކްގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން ހިންގާ "ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން" ޕްރޮޖެކްޓުގެ ދަށުން ތައާރަފްކުރި ހަރަކާތެކެވެ.
މި ހެކަތޮންއަށް ހުށަހަޅާފައި ވަނީ 10،000 އެމެރިކާ ޑޮލަރެވެ. މެދުނުކެނޑި 48 ގަޑިއިރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ހެކަތޮންގައި ބައިވެރިވެވޭނީ ތިން މެމްބަރުންނާއި ފަސް މެމްބަރުންނާއި ދެމެދުގެ އަދަދަކަށް މެމްބަރުން ހަމަވާ ޓީމުތަކަށެވެ. ހެކަތޮންގައި ބައިވެރިކުރަން ނިންމަފައި ވަނީ 10 ޓީމެވެ.
"ދަ މޯލްޑިވްސް އޯޝަން ހެކަތޮން" ތައާރަފްކުރައްވަމުން އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނީ އެ އަސަރުތައް ވީ އެންމެ އަވަހަކަށް ދެނެގަނެވިގެން ކަމަށެވެ. އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ގަވައިދުން ރިކޯޑްކުރެވި ރަނގަޅަށް އެއްކުރެވޭ ޑޭޓާ ލިބުމުގެ މުހިންމުކަމާއި އެކަމަށް މިހާރު އޮތް ގޮންޖެހުންތައް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ ޑިޖިޓަލް ޓެކްނޯލޮޖީ އަކީ މި ތިމާވެށި ހިމާޔަތްކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ މަގެއް ކަމަށާއި ހެކަތޯންއަކީ، ކްލައިމެޓް ޗޭންޖް އަދި ޓެކްނޮލޮޖީ އެއް ފުރާޅެއްގެ ދަށަށް ގެނެވި ފާއިތުވި ދެ އަހަރުގައި ކުރި މަސައްކަތުގެ ކާމިޔާބީގެ ފެށުން ކަމަށެވެ.
"ދަ މޯލްޑިވްސް އޯޝަން ހެކަތޮން" ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން 17 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ހެކަތޮންގައި މި މަހުގެ ނިޔަލަށް ބައިވެރިވޭނެ އެވެ. "އޯޝަން ހެކް" ވެބްސައިޓު މެދުވެރިކޮށް ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލައިފަ އެވެ.