01 ސެޕްޓެމްބަރ 2023 - 06:34

މި އަހަރުގެ އޮކްޓޯބަރު މަހު ބައްވަން ހަމަޖެހިފައިވާ ދިރާގު ރޯޑް ރޭހަށް ރަޖިސްޓްރީކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
އެ ކުންފުނިން ބާއްވާ އެންމެ ބޮޑު މެރަތަންއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި ވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން މި ދުވުން ބާއްވަނީ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްގެންނެވެ. މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މި ރޭހަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނާއި މުޖުތަމައުތައް އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެކެވެ.
މި ދުވުމުގައި ދިރާގުން އެންޑޯސްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ ފަސް ޖަމިއްޔާއަކަށް އެ ފަރާތްތަކުން ރާވާފައިވާ ހަރަކާތްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100ރ. އާއި ސްޕެޝަލް ބިބް ނަމްބަރު ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެންޑޯސްކޮށްފައިވާ ޖަމިއްޔާތަކަށް ހަދިޔާ ކުރާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.
މި އަހަރު ބައްވަނީ މި ރޭހުގެ 14 ވަނަ އެޑިޝަނެވެ.