ހުސް ވަގުތުގައި ކިޔަވާލެވޭ އޮންލައިން ކޯސްތައް ޖަވާބު އެކަޑަމީން
ހުސް ވަގުތުގައި ކިޔަވާލެވޭ އޮންލައިން ކޯސްތައް ޖަވާބު އެކަޑަމީން

ރާއްޖޭގެ ޓެކްނޮލަޖީ ދާއިރާގައި ކުރިއަރަމުން އަންނަ "ޖަވާބު" ގެ ދަށުން ހިންގަމުން އަންނަ "ޖަވާބު އެކަޑަމީ" އިން އަންނަނީ ބޭނުން ވަގުތަކު ބައިވެރިވެ ކިޔެވޭ "ސެލްފް ޕޭސްޑް" ކޯސްތަކެއް ހިންގަމުންނެވެ.

ދިވެހި ބަހުން ކުރިއަށް ގެންދާ މި ކޯސްތަކުގައި ބޭނުން ވަގުތަކު ބައިވެރިވެ، ބޭނުން ވަގުތެއްގައި ކިޔެވޭނެ އެވެ.

ޖަވާބު އެކަޑެމީން ބުނި ގޮތުގައި އެ ތަނުން ހިންގަނީ ދުނިޔޭގެ އޮންލައިން ކޯސްތައް ހިންގުމުގައި ނަން މަޝްހޫރު ކޯސްތައް ހިންގާ "ޔޫޑެމީ" ފަދަ ވެބްސައިޓުތަކާ އެއްގޮތަށް "ސެލްފް ޕޭސްޑް" މޯޑުގަ އެވެ.

އޮންލައިންކޮށް ކިޔެވޭ ކޯސްތަކެއް ތައާރަފުކުރީ އޮންލައިންކޮށް ކިޔެވުމުގައި ދިވެހި ބަސް ފިޔަވައި އިތުރު ބަސްތަކުން ކިޔަވަން ޖެހުމުން ކުރިމަތިވާ އުނދަގޫތަކަށް ދިވެހިންނަށް ހައްލު ހޯދައިދީ، ކޮންމެ މީހަކަށް ވެސް ދަސްކުރަން ބޭނުންވާ ހުނަރެއް ދަސްކުރުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ކަމަށް ބުންޏެވެ.

ޖަވާބު އެކަޑެމީގެ ކޯސްތަކުގެ ތެރޭގައި ކޯޑުކޮށް ވެބްސައިޓާއި އެޕްލިކޭޝަން ހަދަން ދަސްކޮށްދޭ ކޯހާއި، މައިކްރޮސޮފްޓުގެ ސޮފްޓުވެއާތަކުގެ ބޭސިކް ކިޔަވައިދޭ ކޯހަކާއި ކޯޑުނުކޮށް ވޯޑްޕްރެސްއިން ވެބްސައިޓު ފަރުމާކުރަން ދަސްކޮށްދޭ ކޯހަކާއި ސޯޝަލް މީޑިއާ މާކެޓިންއާ ގުޅޭ ކޯހަކާއި ފޮޓޯޝޮޕް އަދި ކޮރެލް ޑްރޯ ބޭނުން ކޮށްގެން ގްރެފިކްސް ޑިޒައިން ދަސްކޮށްދޭ ކޯހަކާއި ވީޑިއޯގްރަފީއާ ގުޅުން ހުރި ކޯހަކާއި އަރަބިކް ކޯސްތަކެއް ވެސް ހިމެނެ އެވެ.

ޖަވާބު އެކަޑެމީން ބުނި ގޮތުގައި މިއިން ކޮންމެ ކޯހަކަށް ވެސް ޗާޖުކުރާނީ ކޯހުގެ ފީ އެކަންޏެވެ. ކޯ ހުގެ ފީ ދެއްކުމުން ކޯހަށް ބޭނުންވާ ހުރިހާ ރިސޯސްއެއްގެ އެކްސެސް ލިބޭނެ އެވެ. އަދި މި ކޯސްތަކުގައި ކިޔަވަމުން އަންނައިރު އޮޅުންއަރާކަމެއް ދިމާވެއްޖެ ނަމަ ޓީޗަރަށް ވައިބަ ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ސުވާލުކުރެވޭނެ އެވެ. އަދި ދަރިވަރު ބޭނުންވާ ނަމަ ލައިވްކޮށް ޒޫމް މެދުވެރިކޮށް ޓީޗަރާ ބައްދަލުކޮށް ސުވާލުކުރެވޭނެ އެވެ.

މި ކޯސްތަކުގައި ފިލާވަޅުތައް ފުރިހަމަކޮށް ކޯހުގެ ހުރިހާ ފިލާވަޅުތައް ނިމުމަށް ފަހު އެސައިމެންޓް ފުރިހަމަކޮށް ހުށަހަޅަން ޖެހޭނެ އެވެ. އެސައިމެންޓުން ފާސްވެއްޖެ ނަމަ ސެޓްފިކެޓް ވަގުތުން ލިބޭނެ އެވެ.

ޖަވާބު އެކަޑަމީގެ ވެބްސައިޓުގައި ސައިންއަޕްކުރުމަށް ފަހު ބޭނުން ކޯހެއް ހިޔާރުކޮށް ކިޔަވަން ފެށޭނެ އެވެ. ގިނަ ކޯސްތަކަކީ 990ރ. ގެ ފީއެއް ނަގާ ކޯސްތަކެވެ.