31 އޯގަސްޓް 2023 - 22:50

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ރާއްޖޭގެ އިގްތިސާދުން ބޭރަށް ފައިސާ ގެންދިއުން ހުއްޓުވުމުގެ ގާބިލްކަން އެއްވެސް ސަރުކާރެއްގައި ނެތް ކަމަށާއި އެކަން އެމްއެންޕީގެ ވެރިކަމެއްގައި ކުރައްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެ ޕާޓީން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި، އޭނާގެ އިގްތިސާދީ ސިޔާސަތުތައް ހާމަކުރައްވަމުން ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ބޯޓުތަކާ ސަފާރީތަކުގައި ބިދޭސީން ތިބޭ ތިބުން ނިމުމަކަށް ގެންނާނެ ކަމަށެވެ. އެކަން ކުރާނީ އެކަށީގެންވާ ވަރަށް ދިވެހިން ތަމްރީނުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިވެހިރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑުބައި ބިދޭސީން އައިސް ގެންދާ ގެންދިއުން ނިމުމަކަށް ގެންދިއުމުގެ ހިތްވަރު އަޅުގަނޑުގެ އެބަހުރި،" ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން ބޯޓުތަކާއި ސަފާރީތަކުގެ ކެޕްޓަނުންނާއި ފަޅުވެރިކަމުގެ ހައްގު ދިވެހިންނަށް ދޭނެ ކަމުގެ ޔަގީންކަން ވެސް ނާޒިމް ދެއްވި އެވެ.
ކުރީގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި ނާޒިމް ވިދާޅުވީ ދަތުރުފަތުރާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ދަފްތަރެއް އޭނާގެ ސަރުކާރެއްގައި އެކުލަވާލައި، ބޭންކުތަކުން ލޯނާއި އެހެނިހެން ހިދުމަތްތައް ލިބޭނެ ގޮތް ފަހިކުރާނެ ކަމަށެވެ.
ސަފާރީ ބޯޓުތަކަށް ސަރުކާރުން ބޮޑު އިހުމާލެއް ވެފައިވާކަން ފާހަގަކޮށް، ދިޔަނެރު ފަޅު ހިއްކައިގެން އެތަނުގައި ސަފާރީ ބޯޓުތައް ހެޔޮ އަގެއްގައި އެޅޭނެ ގޮތް ހަމަޖައްސައި އަދި ކްރޫންނަށް އެކޮމޮޑޭޝަނާއި އެހެނިހެން ފެސިލިޓީތައް ގާއިމްކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި މިފަދަ ބަނދަރުތައް ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމް ކުރާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމުން ލިބޭ ނަފާ އިތުރުކުރަން ދިވެހިންނަށް ފައިދާވާ ގޮތަށް، ޓްރަވެލް އޭޖެންސީތައް މެދުވެރިކޮށް އޮންލައިން ބުކިން ހެއްދުން އިތުރަށް ރެޖިއުލޭޓު ކުރާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ރާއްޖޭގައި ވިޔަފާރިކުރަން ތިބޭ ބޭރުގެ ކުންފުނިތަކުން ޓެކްސް ދައްކަން ޖެހޭ ގޮތް ހަދާނެ ކަމުގައި ވިދާޅުވެފަ އެވެ.
"ދިވެހިންނަށް ފައިދާ ލިބޭނެ ގޮތަކަށް ނޫނީ ބިދޭސީންނަށް ރާއްޖޭގައި ނުތިބެވޭނެ. ޔަގީން ކުރައްވާ ޓްރަވެލް އޭޖެންޓުން އަޅުގަނޑާއެކު ތިއްބަވާ. މި 9 ސެޕްޓެމްބަރުގައި ބަދަލުކޮށްލުމުން ތިބޭފުޅުންނަށް ލިބިލައްވާ އާމްދަނީ ހަތަރު ގުނަ ބޮޑުކުރާނަން،" ނާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ ވަނީ ދިވެހި ސީމަނުންނަކީ ގާބިލް ބަޔަކަށް ހަދައި، އިތުރު ފުރުސަތުތައް އެ މީހުންނަށް ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.