31 އޯގަސްޓް 2023 - 20:41

އަންނަ ހޮނިހިރު ދުވަހު ބޫޓާންގައި ފަށާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ފުރަން ދިޔަނަމަވެސް ޓީމަށް ޓީމަށް ފުރެން ނެތްކަން އަންގައިފި އެވެ.
ސޯޅަ އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ބެލެނިވެރިޔަކު ބުނީ ދަތުރު މިއަދަށް ހަމަޖެހިފައި ނެތްކަން އެންގީ ހަވީރު 5:30 ގައި އެއާޕޯޓަށް ދާން ކުޅުންތެރިންނާއި ކޯޗުން ސްޓާފުން މާލޭގެ މައި ބަސް ޓާމިނަލަށް ދިޔަ ފަހުން ކަމަށެވެ.
އޭނާ ބުނީ މީގެ ކުރިން ގައުމީ ޓީމު ފުރަން އެއާޕޯޓަށް ދިއުމުގެ ކުރިން މާލޭގެ ބަސް ޓާމިނަލުން ކުޅުންތެރިންނަށް ސަލާމްކުރަން އެފްއޭއެމްގެ ވެރިން ހާޒިރުވާ ކަމަށެވެ. ނަމަވެސް މިއަދު އެ އިދާރާގެ އެއްވެސް ވެރިޔަކު ފުރާތަނަށް ގޮސްފައި ނުވާކަމަށް ބެލެނިވެރިޔާ ބުންޏެވެ. އެފްއޭއެމްގެ އާ ޓެކްނިކަލް ޑައިިރެކްޓާ ތޯމަސް ސްމޯލީ ފުރާތަނަށް ދިޔަ ނަމަވެސް އެފްއޭއެމްގެ އެއް ވެސް ވެރިޔަކު އެތަނުން ނުފެނެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މި ވަގުތު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. މީގެ ކުރިން ވެސް އޭނާ ރާއްޖޭން ބޭރުގައި ހުންނަވާއިރު ގައުމީ ޓީމުތަކާއި ކްލަބްތައް ރާއްޖެއިން ބޭރަށް ފުރާއިރު އެފްއޭއެމްގެ އެހެން ވެރިން ބަސް ޓާމިނަލަށް ގޮސް ކުޅުންތެރިންނާ ބައްދަލު ކުރެ އެވެ.
"އަޅުގަނޑުމެން އެތަނަށް ދިޔަ ފަހުން ކުޑަ ހީނާ ކޯޗު [އިސްމާއީލް އާސިފް] ބުނީ މިއަދަށް ޓިކެޓް ހަމައެއް ނުޖެހެޔޭ. އެހެންވެ ފުރުން ފަސްވި ވާހަކަ ބުނީ. އެފްއޭއެމްގެ އެއްވެސް މީހަކު ވެސް އެތަނަށް އައުސްފައި ނެތް،" އޭނާ ބުންޏެވެ.
އާންމުގޮތެއްގައި "މިހާރު" ނޫހަށް އިންޓަވިއު ދޭ، ކުޑަ ހީނާ ބުނީ އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
ބެލެނިވެރިޔާ ބުނީ މާދަމާ ފުރާނެ ކަމަށް ބުނާ ކަމަށާއި ނަމަވެސް އަދި ފުރަންދާން ޖެހޭ ވަކި ގަޑިއެއް އެނގިފައި ނެތް ކަމަށެވެ.
"މާދަމާ އަށް ދަތުރު ފަސް ކުރީއޭ ކިޔާ. ނަމަވެސް އެއްވެސް ކަމެއް ޔަގީނެއް ނޫން،" އޭނާ ބުންޏެވެ.
އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހު 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގައި ފުޓްބޯޅައިން ސަސްޕެންޑްކޮށްފައިވާ ސްރީ ލަންކާ ފިޔަވައި ދެކުނު އޭޝިއާގެ އަނެއް ހަ ގައުމުން ވާދަ ކުރެ އެވެ.
ރާއްޖެ ލައްވާލީ ބޫޓާނާއި ޕާކިސްތާނާ އެކު ގުރޫޕް ބީގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ދެވަނަ މެޗު ބޫޓާނާ ދެކޮޅަށް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ ބަންގްލަދޭޝާއި އިންޑިއާ އެވެ.