31 އޯގަސްޓް 2023 - 18:41

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން މަސައްކަތް ކުރަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގަންނަވާ ވައުދުތައް ފުއްދުމަށް ކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ތުހުމަތުކޮށްފި އެވެ.
އެ ކޯލިޝަންގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވަނިކޮށް، މި ސަރުކާރުން ކުއްލި ގޮތަކަށް އެ ރަށް ސިޓީއަކަށް ބަދަލުކުރީ ގާނޫނީ އަދަދު ވެސް ހަމަނުވަނީސް ކަމަށެވެ.
އޭނާ ވިދާޅުވީ، ތިނަދޫގެ އާބާދީގައި 8،000 މީހުން ހަމަނުވާ ކަމަށާއި ފަހުން ހަދާފައިވާ ލިސްޓުގައި ބައެއް މީހުންގެ ނަންތައް ތަކުރާރުކޮށްފައި އެބަހުރި ކަމަށެވެ. އެ ރަށަށް ނިސްބަތް ނުވާ މީހުން ވެސް އެ ލިސްޓުގައި އެބަތިބި ކަމަށް ތޮލާލް ވިދާޅުވި އެވެ.
"އެންމެ އަސާސީ ޝަރުތު ކަމަށްވާ އާބާދީ 10،000 މީހުން ވެސް ހަމަނުވަނީސް ގާނޫނާ ހިލާފަށް ތިނަދޫ އަށް ސިޓީގެ ދަރަޖައެއް ދެއްވުން އެއީ ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅުވާލައިގެން ވަރަށް ބޮޑަށް މަކަރާއި ހީލަތުން ކޮށްފައިވާ ކަމެއް،" ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާ ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިނަދޫގެ އާބާދީގެ ލިސްޓު ސައްހަ ނޫން ކަން ކަމާ ގުޅޭ އިދާރާތަކުން ވެސް ސަރުކާރަށް ވަނީ އަންގައިފަ އެވެ.
ތޮލާލް ތުހުމަތު ކުރެއްވި ގޮތުގައި އެކަން ކުރީ މުއިއްޒު އެ ވައުދުވެވަޑައިގެންނެވީތީ، މި ސަރުކާރުން ކުރި ކަމަކަށް އެކަން ހެދުމަށް ކަމަށެވެ. މުއިއްޒުގެ ޕްލޭނަކީ ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތިނަދު އަށް ސިޓީގެ ދަރަޖަ ދިނުން ކަމަށް ތޮލާލް ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި ފަނޑިޔާރުންގެ މުސާރަ ބޮޑުކުރުމަކީ ވެސް މުއިއްޒުގެ ވައުދެއް ކަމަށް ވާއިރު، އެކަން ކުރަން ވެސް މި ސަރުކާރުން މަސައްކަތް ކުރާ ކަމަށް ތޮލާލް ތުހުމަތު ކުރެއްވި އެވެ.
މި ސަރުކާރު އައި ފަހުން ދަރަނި އިންތިހާ އަށް ބޮޑުވެފައިވާތީ، ތޮލާލް ވިދާޅުވި ގޮތުގައި، މުއިއްޒުގެ ސަރުކާރެއްގައި ދަރަނި ރީސްޓްރަކްޗާކޮށް، އެކަން ހައްލު ކުރާނެ އެވެ.
ތޮލާލް، މިފަދަ ތުހުމަތެއް ކުރައްވާފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނު ތަރުޖަމާނު ވަނީ އިދިކޮޅުން އެމްޑީޕީގެ ވައުދުތައް ކޮޕީކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ވެސް ވަނީ އެކަމަށް މަޒާޖީ ގޮތަކަށް މިއަދު ފާޑުވިދާޅުވެފަ އެވެ.