31 އޯގަސްޓް 2023 - 19:15

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އުފަން ރަށް، ޅ. ހިންނަވަރުން މި ފަހަރުގެ އިންތިހާބުގެ ވޯޓުގެ އަޣުލަބިއްޔަތު ޕީޕީއެމް/ޕީއެންސީ އަށް ހޯދުމަކީ ވަރަށް ބޮޑު އެދުމެއް ކަމެއް އެ ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިންނަވަރަށް ވަޑައިގަންނަން ތައްޔާރުވެފައި ވަނިކޮށް މުއިއްޒު ވަނީ މި ރަށަށް ވަޑައިގެންފަ އެވެ. އެމްޑީޕީގެ ރީނދޫ ކުލައިން ޖަރީކޮށްފައި އޮތް ބަނދަރު ސަރަހައްދުން މުއިއްޒަށް މަރުހަބާ ކިޔަން ޕީޕީއެމްގެ ސަޕޯޓަރުން ސަފު ހަދައިގެން ތިއްބެވެ. އޭރު ވެސް އެ ސަރަހައްދުގައި އެމްޑީޕީގެ ދިދަ ފަތިތައް ދިޔައީ ދަމަމުންނެވެ.
ދެ ޕާޓީގެ ސަޕޯޓަރުން އެ ތަނަށް އެއްވެ ތިއްބައި މުއިއްޒު ހިންނަވަރަށް ވަޑައިގަތުމުން ޕީޕީއެމްގެ ސަޕޯޓަރުން އޭނާ އަށް ހޫނު މަރުހަބާއެއް ކިޔާފައި ވެ އެވެ. އެމްޑީޕީގެ ބައެއް ސަޕޯޓަރުން މުއިއްޒުގެ ވީޑިއޯ ނަގަމުން ދިޔައިރު ބައެއް މީހުން އެހެން ނަންތަކުން ވެސް ގޮވައި ހެދި އެވެ.
ހިންނަވަރުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ވަރަށް އުނދަގޫ އަދި ބިރުވެރި ހާލަތެއްގައި ތިބެ ވެސް އޭނާ އަށް މި ރަށުން ކިޔާފައިވާ ހޫނު މަރުހަބާ ވަރަށް ބޮޑަށް ބައްލަވައިގަންނަ ކަމަށެވެ. އެދިވަޑައިގަތީ އެއްބުރުން އޭނާ މި ފަހަރު ރާއްޖޭގެ ރައީސްކަމަށް އިންތިހާބުކޮށް، ތާރީހީ ނަތީޖާއެއް ހޯދުމުގައި ހިންނަވަރުގެ ވެސް ތާއީދެވެ. ހިންނަވަރުގެ މެޖޯރިޓީ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"ހިންނަވަރުން މެޖޯރިޓީ ހޯދުމަކީ އަޅުގަނޑު ވަރަށް ދެކެން ބޭނުންވާ ކަމެއް. ބޮޑު ޗެލެންޖެއް އެކަމަކު އެކަން ވާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިދިޔަ ފަސް އަހަރު ހިންނަވަރަށް އެއްވެސް ކަމެއް މި ސަރުކާރުން ކޮށްދީފައި ނެތް ކަމަށެވެ. މަގުތައް ހަދަން ފެށި ގޮތަށް ނުނިމި އޮތް އިރު، އިމާރާތް ކޮށްދޭން ވައުދުވި ހޮސްޕިޓަލްގެ މަސައްކަތް ވެސް ނުފެށޭ ކަމަށް ވިދާޅުވި އެވެ. މުއިއްޒު ދެއްވި ޔަގީން ކަމަކީ، އޭނާގެ ސަރުކާރެއްގައި ހިންނަވަރު ރައްޔިތުން އެދޭ ހުރިހާ ކަމެއް ވަރަށް ފުރިހަމަ އަށް ކޮށްދެއްވާނެ ކަމެވެ.
ތަރައްގީގެ މަޝްރޫއުތަކަށް މި ވަގުތު ރާއްޖެ އަށް މުހިންމު ވެފައި އޮތަސް، ރާއްޖޭގެ މިނިވަންކަން އަނބުރާ ހޯދުން މުހިންމު ކަމަށާއި މިހާރުގެ ސަރުކާރުން ވަނީ މިނިވަންކަން އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްލައި ނިންމާފައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ، ދިވެހިންގެ ރާއްޖެއެއް ހޯދުމަށް އޭނާ އަށް ވޯޓު ދިނުމަށް މުއިއްޒު އެދިވަޑައިގަތެވެ.
މުއިއްޒު ވިދާޅުވީ، ރައްޔިތުން އެދޭ ހުރިހާ އުއްމީދެއްގައިގައި ކުލަޖައްސަވާނެ ކަަމަށެވެ.