02 ފެބުރުއަރީ 2017 - 17:45

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް ފުރަތަމަ ފަހަރަށް ހައުސިން މިނިސްޓްރީން ހަދައިފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ޕާކިން ޒޯނެއް ބުރުޒުމަގާއި ހިލާލީމަގާ ގުޅޭ ސަރަހައްދުގައި ހަދާފައިވާ ކަމަށެވެ. އަދި އެއީ އެފަދަ މީހުންނަށް ހާއްސަކޮށްގެން ހެދި ފުރަތަަމަ ޕާކިން ޒޯން ކަން މިނިސްޓްރީން ފާހަގަކޮށްފައި ވެ އެވެ.
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ވިދާޅުވީ ނުކުޅެދޭ މީހުންނަށް ހާއްސަ ޕާކިން ޒޯން ހެދީ އެމީހުންނަށް ވެސް ފަސޭހައިން މަގު ބޭނުން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ.
މި ޕާކިން ޒޯނުގައި ޕާކު ކުރެވޭނީ، ނުުކުޅެދޭ މީހުން ބޭނުންކުރާ ބޮޑެތި ބައިސްކަލުގެ ދެ ތިން އެއްޗެވެ.
ފަޒާލް ވިދާޅުވިގޮތުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި އަދިވެސް މިފަދަ ޕާކިން ޒޯންތައް ހަދާނެ އެވެ.