އަދާޝް އަށް ރިޑްލީ ސްކޮޓްގެ ސީރީޒަކުން ރޯލެއް
އަދާޝް އަށް ރިޑްލީ ސްކޮޓްގެ ސީރީޒަކުން ރޯލެއް

ބޮލީވުޑްގެ އެކްޓަރު އަދާޝް ގޯރަވް އަށް، ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ރިޑްލީ ސްކޮޓްގެ ސީރީޒަކުން ރޯލެއް ލިބިއްޖެ އެވެ.

އަދާޝް މަޝްހޫރުވީ 2021 ވަނަ އަހަރު ނުކުތް ނެޓްފްލިކްސްގެ ފިލްމު "ދަ ވައިޓް ޓައިގާ"ގައި އޭނާ ކުޅުނު ރޯލަށް ފަހުގަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އަދާޝް އަށް ފުރުސަތު ލިބުނީ އަންނަ އަހަރު ނެރެން ތަވާލުކޮށްފައިވާ ރިޑްލީ ސްކޮޓްގެ އޭލިއަން ޕްރިކުއެލް ސީރީޒެއްގެ ރޯލެކެވެ. އެ ސީރީޒްގެ ނަމެއް އަދި ފައިނަލެއް ނުކުރެ އެވެ.

އެ ސީރީޒް ދައްކާނީ އެމެރިކާގެ އެފްއެކްސް ނެޓްވޯކުންނެވެ. އަދި ސްޓްރީމް ކުރާނީ ހުލޫ އިންނެވެ.

ރިޑްލީ ސްކޮޓްގެ "އޭލިއަން" ފްރެންޗައިޒްގެ ކާމިޔާބު ފިލްމުތަކެއް 1979 އިން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ނެރެފައިވެ އެވެ.

"ދަ ވައިޓް ޓައިގާ"ގައި އަދާޝް ކުޅުނު ރޯލުން އޭނާއަށް ވަނީ ބާފްޓާގައި ނޮމިނޭޝަނެއް ވެސް ލިބިފަ އެވެ.

އަދާޝްގެ ފިލްމެއް އެންމެފަހުން ނުކުތީ މިދިޔަ މަހު 18 ގަ އެވެ. އެއީ ނެޓްފްލިކްސްގެ "ގަންސް އެންޑް ގުލާބްސް" އެވެ. އަދި އަންނަ އަހަރު ނުކުންނަ އަނަންޔާ ޕަންޑޭ އާއި ސިދާތު ޗަތުރުވޭދީގެ ފިލްމު "ކޯ ގަޔާ ހަމް ކަހާ"ގައި ވެސް އޭނާ ފެންނާނެ އެވެ.