31 އޯގަސްޓް 2023 - 11:44

މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ "ގްރޭންޑް" ސެމީ ފައިނަލް މެޗުތައް ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ބާއްވަން ތައްޔާރު ވެއްޖެ އެވެ.
މިއަދުގެ ފުރަތަމަ ސެމީގައި 4 ޖަހާއިރު ދ. އަތޮޅު ޒޯންގެ ޗެމްޕިއަން ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓް ނުކުންނާނީ ސައުތު ކާފް ޗެމްޕިއަން ކްރޮސްރޯޑްސް މޯލްޑިވްސްއާ ދެކޮޅަށެވެ. އަދި 5 ޖަހާއިރު ކުޅޭ ދެވަނަ ސެމީގައި ބައްދަލުކުރާނީ ނ. އަތޮޅު ޒޯންގެ ޗެމްޕިއަންކަން ހޯދި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓާއި ނޯތު ކާފްގެ ޗެމްޕިއަން ޖުމެއިރާ މޯލްޑިވްސް އެވެ.
މެއި 14 ވަނަ ދުވަހު ފެށި މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގައި، ފާއިތުވި ހަތަރުވަރަކަށް މަހު ވަނީ ހަތް ޒޯނެއްގެ ކުޅުން ކުރިއަށް ގެންގޮސްފަ އެވެ. މެއި މަހު ދ. އަތޮޅުގެ ކުޅުން ކުރިއަށް ގެންދިޔައިރު ޖޫން މަހު ވަނީ ރ. އަތޮޅާއި ބ.އަތޮޅުގެ ކުޅުން ނިންމާލައިފަ އެވެ. އަދި ޖުލައި މަހު ޅ. އަތޮޅާއި ނ. އަތޮޅު ޒޯން ގެ ކުޅުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މާލެ އަތޮޅުގެ ދެކުނުގެ ރިސޯޓްތައް ވާދަކުރާ ސައުތު ކާފު ޒޯނާއި، އުތުރުގެ ރިސޯޓްތައް ވާދަކުރާ ނޯތު ކާފު ޒޯންގެ ކުޅުން މިމަހު ވަނީ ނިންމާލައިފަ އެވެ.
ނޯތު ކާފާއި ސައުތު ކާފްގެ އިތުރުން ދ. އަތޮޅު ޒޯންގެ ޗެމްޕިއަނުންނަށް ވަނީ ގްރޭންޑް ސެމީ ފައިނަލްގެ ސީދާ ޖާގައެއް ލިބިފަ އެވެ.
ވެލާ އައިލެންޑު ގްރޭންޑް ސެމީ އިން ޖާގަ ހޯދީ، ކުއާޓާގައި ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ބަލިކޮށްފަ އެވެ. ޅ. އަތޮޅު ޒޯންގެ ޗެމްޕިއަން ކޮކޫން ބަލިކޮށް ވެލާ ކުއާޓާ އިން ފުރުސަތު ހޯދި އިރު، ޖޯލި ކުއާޓާއަށް ދިޔައީ ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ ބަލިކޮށްފަ އެވެ.
ގްރޭންޑް ސެމީ ފައިނަލުން މޮޅުވާ ދެ ޓީމު، މުބާރާތުގެ ގްރޭންޑް ފިނާލޭގައި ބައްދަލުކުރާނީ އަންނަ އާދިއްތަ ދުވަހު އެވެ.