03 ފެބުރުއަރީ 2017 - 06:32

ރިތިކް ރޯޝަން އިންސާނިއްޔަތަށްޓަކައި އޭނާގެ ދެ ލޯ ހަދިޔާކުރާނެކަން އޭނާގެ 43 ވަނަ އުފަން ދުވަހު އިއުލާނުކޮށްފި އެވެ.
ލޯ ހަދިޔާ ކުރުމުގެ މަގު ރިތިކަށް ފަހިވީ އޭނާގެ އަލަށް ރިލިޒްވި ފިލްމު "ގާބިލް"ގެ ޓްރެއިލާ ބެއްލެވުމަށްފަހު އިންޑިޔާގެ އަދިތުޔާ ޖިޔޯތު އައި ހޮސްޕިޓަލުގެ ލޮލުގެ ޚާއްސަ ޑޮކްޓަރު ޕްރޮފެސަރު އެސް. ނަޓަރާޖަން ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަންއާ ގުޅައިގެން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
ޕްރޮފެސަރު ނަޓަރާޖަން ވިދާޅުވީ "ގާބިލް"ގެ ޓްރެއިލާ ފެނިގެން ރާކޭޝް ރޯޝަން އަށް ގުޅައި، ލޯ ހަދިޔާ ކުރުމުގެ ކެމްޕެއިން ޕްރޮމޯޓްކޮށްދިނުމަށް ރިތިކް އެއްބަސް ވެދާނެތޯ ސުވާލުކުރި ކަމަށެވެ. އޭރުވެސް ރިތިކް ލޯ ހަދިޔާކުރުމަށް ވިސްނަމުންދާކަން ރާކޭޝް ރޯޝަންގެ ފަރާތުން އެނގުމުން ވަރަށް ހައިރާންވި ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.
އޭގެ ފަހުން ރިތިކާ ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ޕްރޮފެސަރަށް ލިބިވަޑައިގަތެވެ. އަދި ރިތިކް ވަނީ އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް ޖެނުއަރީ 10 ވަނަ ދުވަހު ބޭއްވި ޕާޓީ އަށް ޕްރޮފެސަރަށް ދައުވަތު ދީގެން ގެންގޮސް ލޯ ހަދިޔާކުރިކަން އިއުލާން ކޮށްފަ އެވެ. ނަމަވެސް "ގާބިލް"ގެ ޕްރޮމޯޝަންގައި މި ވާހަކަ އިޝްތިހާރުކުރަން ރިތިކް ބޭނުން ނުވާތީ އިހަށް އެއްވެސް މީހަކު އެވާހަކަ ނުދައްކާ ތިބުމަށް ރިތިކް އޮތީ އެދިފަ އެވެ.
"ގާބިލް"ގައި، ލޮލަށް ނޭނގޭ މީހެއްގެ ރޯލުކުޅެފައިވާތީ އެމީހުން އުޅޭ ހާލު ރިތިކަށް ވަނީ ވަރަށް ގާތުން ފެނިފަ އެވެ. އެހެންވެ ފިލްމުގެ ޝޫޓިން ފެށުމާއެކު ރިތިކް ވަނީ ލޯހަދިޔާކުރަން ގަސްތުކޮށްފަ އެވެ. އަދި އުފަން ދުވަހު އޭނާ ވަނީ ރަސްމީކޮށް އެކަން ކޮށްފަ އެވެ.
ޑރ. ނަޓަރާޖަން މިހާރު ބޭނުންފުޅުވަނީ ލޯ ހަދިޔާކުރުމުގެ ކެމްޕެއިންގައި ރިތިކް ބައިވެރިކޮށް، ގިނަ ބަޔަކަށް އޭނާގެ މިސާލު ދެއްކުމަށެވެ. އިންޑިޔާގެ ހުރިހާ ހިސާބެއްގައި މި ކެމްޕެއިން ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަހަރަކު މަދުވެގެން ދެ ލައްކަ ކޯނިއާ ބޭނުންވާކަމަށާއި ނަމަވެސް މިހާރު ލިބެނީ އެންމެ 30،000 ކަމަށް ޑރ. ނަޓަރާޖަން ވިދާޅުވި އެވެ. އެހެންވެ އަހަރަކު ދެ ލައްކަ ކޯނިއާ ލިބޭތޯ ކެމްޕެއިން ފެށީ ކަމަށާއި އޭރުން ކޯނިއާ ހަލާކުވެގެން ލޮލަށް ނުފެންނަ އެންމެންނަށް ލޮލުގެ ފެނުން ލިބުމުގެ ފުރުސަތު ތަނަވަސްވާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ރިސާޗްތަކަށް ވެސް ލޯ ބޭނުންވާ ކަމަށާއި ހަދިޔާކުރާ ކޮންމެ ލޮލަކީ ކާމިޔާބު އެއްޗަކަށް ހެދުން ވެސް ވަރަށް މުހިއްމުކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.