31 އޯގަސްޓް 2023 - 10:55

ފްލޮރިޑާ (އޮގަސްޓް 31) - އެމެރިކާގެ މޭޖާ ލީގް ސޮކާ (އެމްއެލްއެސް) ޓީމު އިންޓަ މަޔާމީއަށް ބަދަލު ވެފައިވާ ލިއޮނެލް މެސީ، އެޓީމަށް ބަދަލުވެ ގޯލެއް ނުޖެހުނު ފުރަތަމަ މެޗު ނަޝްވިލްއާ ދެކޮޅަށް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.
މިއަދުގެ މެޗަކީ މެސީ ލީގުގައި ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ހަފްތާ ލީގުގައި މެސީގެ ފުރަތަމަ ފެނިލުމުގައި ވަނީ ބެންޗުން އަރައި ނިއުޔޯކް ރެޑްބުލްސް 2-0 އިން ބަލިކޮށްފަ އެވެ. އެ މެޗުގެ ދެވަނަ ގޯލު ޖެހީ މެސީ އެވެ.
ލީގު މެޗުގެ ޔޫއެސް އޯޕަން ކަޕްގެ ސެމީ ފައިނަލްގެ ޕެނަލްޓީ ޝޫޓައުޓްގައި މެސީ ވަނީ އޭނާގެ ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. އޭގެ ކުރިން ކުޅުނު ލީގްސް ކަޕްގެ ހަތް މެޗުގައި ވެސް އޭނަ ވަނީ ގޯލު ޖަހައިފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައި ކްލަބަށް ފުރަތަމަ ތަށި ހޯދައިދިނީ ފައިނަލްގައި ނަޝްވިލް ބަލިކޮށްގެންނެވެ.
އިންޓަ މަޔާމީއަށް ބަދަލުވެ، މެސީ ވަނީ މިހާތަނަށް ކުޅުނު 10 މެޗުން 11 ގޯލު ޖަހައިފަ އެވެ.
މެސީ އިންޓަ މަޔާމީއަށް ބަދަލުވިއިރި މަޔާމީ އޮތީ އޭރު އެންމެ ފަހުން ލީގުގައި ކުޅުނު 11 މެޗުން މޮޅެއް ނުހޯދި ލީގުގެ ފުލުގަ އެވެ. މިވަގުތު އެޓީމު އޮތީ ލީގުގެ 14 ވަނައިގައި، ފުލުގައި އޮތް ޓީމާ ޕޮއިންޓުގެ ގޮތުން އެއްވަރު ވެފަ އެވެ.
ލީގުގައި ބާކީ 11 މެޗު އޮތްއިރު، އެމްއެލްއެސް ކަޕް ޕްލޭއޮފުން ޖާގަ ހޯދަން އިންޓަ މަޔާމީ ޖެހޭނީ އެންމެ ދަށް ވެގެން އެމްއެލްއެސް އީސްޓާން ކޮންފަރެންސް ލީގުގެ ނުވަވަނައިގައި ނިންމާށެވެ. އިންޓަ މަޔާމީ އާއި ނުވަވަނައާ ދެމެދު މިވަގުތު 10 ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.
ނޮކައުޓް އުސޫލުން އޮންނަ އެމްއެލްއެސް ކަޕް ޕްލޭއޮފުން ޖާގަ ލިބޭނީ އީސްޓާން ކޮންފަރެންސާއި ވެސްޓާން ކޮންފަރެންސް ލީގުގެ ގަދަ ނުވަ ޓީމެވެ.