ކުޑަކުދިންގެ ވާހަކަ އެޕް "އޯލަ" އަޕްގުރޭޑްކޮށް މާދަމާ ރީލޯންޗުކުރަނީ
ކުޑަކުދިންގެ ވާހަކަ އެޕް "އޯލަ" އަޕްގުރޭޑްކޮށް މާދަމާ ރީލޯންޗުކުރަނީ

އޯލަ މީޑިއާ ޕްރައިވެޓް ލިމިޓެޑުން، ކުޑަކުދިންގެ މެދުގައި ދިވެހިބަހާއި ކިޔުންތެރިކަމަށް ލޯބި އަށަގެންނެވުމަށް ތައާރަފްކުރި ވާހަކަ އެޕް "އޯލަ" އަޕްގްރޭޑުކޮށް ރީލޯންޗުުރަން ނިންމައިފި އެވެ.

މި އެޕްގެ ރީލޯންޗިންއަށް "އޯލަ ޔޯލަ އެއްވެލުމެއް"ގެ ނަމުގައި ހާއްސަ ހަރަކާތެއް މާދަމާ ބާއްވަން ވަނީ ނިންމައިފަ އެވެ. މި ހަރަކާތް ކުރިއަށް ދާނީ ހެނދުނު 9 އިން 11 އަށް ސަލްޓަންޕާކުގެ ސްޓޭޖު ސަރަހައްދުގަ އެވެ.

ކުޑަކުދިންނަށް އަމާޒުކޮށް ބާއްވާ މި ހަރަކާތުގައި އޯލަ ޓީމާ އެކު ލަވަކިޔުމާއި މޫނުގައި ކުރެހުމާއި އިލްމީ ފަންނީ ހަރަކާތްތައް ކުރިއަށް ދާނެ އެވެ. އޭގެ ތެރޭގައި "ސައިންސްކަމެއް"، "ކުޅޭކުޅޭ ކަންމަތި" އަދި ކްރިއޭޓިވްޖޫސްއާ އެކު "އާޓްފާޓް"ގެ ނަމުގައި ތަފާތު ހަރަކާތްތަކެއް ކުރިއަށް ދާނެ އެވެ. އިވެންޓުގައި ކުދިންނާއި ބެލެނިވެރިންނަށް "އައްކޮ އޮފިޝަލް"ގެ ފަރާތުން ލުއި ކެއިންބުއިން ފޯރުކޮށްދޭނެ އެވެ.

މި އިވެންޓުގައި "އޯލަ" އެޕަށް ރަޖިސްޓާވާ މީހުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް އުރީދޫގެ ފަރާތުން ސެމްސަންގް ގެލެކްސީ ޓެބްލެޓް އޭ 8އެއް ލިބޭނެ އެވެ.

"އޯލަ" އެޕް އަޕްގްރޭޑުކޮށް ނެރޭ އިރު، އިންޓަފޭސްއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި ހުންނާނެ ކަމަށް "އޯލަ" މީޑިއާއިން ބުންޏެވެ. އަދި ގެންނަ ބަދަލުތަކުގެ ތެރޭގައި އައިއޯއެސް އަދި އެންޑްރޮއިޑް ފޯނާއި ޓެބްލެޓުން އެޕް މެދުވެރިކޮށް ފަސޭހައިން ވާހަކަ ކިއުމުގެ އިތުރުން ފަސޭހައިން ލަވަ ޖަހައި، ވީޑިއޯ ބެލޭ ގޮތަށް ހުންނާނެ ކަމަށް ވެސް ބުންޏެވެ. އަލަށް ރީލޯންޗު ކުރާއިރު އާކް މޯލްޑިވްސްއިން ތައްޔާރުކޮށްފައިވާ ވީޑިއޯ ހިމެނޭނެ ކަމަށާއި މި ފަދަ އިތުރު ވީޑިއޯ ކުރިއަށް އޮތްތަނުގައި އެޕަށް ނެރޭނެ ކަމަށް ވެސް އޯލަ މީޑިއާއިން ބުންޏެވެ. އަދި ބެލެނިވެރިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް، ވީޑިއޯ، ޕޮޑްކާސްޓު އަދި ބުކްލެޓް ވެސް އެޕުގައި ހިމެނޭނެކަން ވެސް ފާހަގަކުރި އެވެ.

މި އެޕްގެ އާ ފީޗާތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގެ ފޯނު ނަމްބަރު ބޭނުންކޮށްގެން ރަޖިސްޓާކުރެވުމާއި ބެލެނިވެރިންނަށް ޕިން ޖަހައިގެން ހުޅުވޭ ވަކި ލޮގިންއެއް ހިމެނެ އެވެ. އާއްމުންނަށް މިހަރު ފެންނަ "އޯލަ" އެޕްގެ ފްރީ ވާޝަންގެ އިތުރުން ޕްރިމިއަމް ވާޝަނެއް ވެސް މާދަމާ ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރިމިއަމް ވާޝަން "ކިޔަމާ"އަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް ކޮންމެ މަހަކު މަދުވެގެން އާ ތިން ކޮންޓެންޓު ލިބޭނެ އެވެ.

ހިލޭ ވާޝަން އަޖުމައިގެ ކޮންޓެންޓު މިހާރު ވެސް ލިބޭފަދައިން އަޕްގްރޭޑާއި އެކު ވެސް ލިބޭނެ އެވެ. މިހަރު އޯލަ އެޕުގައި ހުރީ ނުވަ އަހަރުން ދަށުގެ އުމުރުފުރާތަކަށް ގިންތިކޮށްފައިވާ ކޮންޓެންޓެވެ.