ސަންޖޭ ދަތުގެ ފިލްމަކީ ކޮންމެ ޒުވާނަކަށް ވެސް ފިލާވަޅެއް: ރަންބީރު
ސަންޖޭ ދަތުގެ ފިލްމަކީ ކޮންމެ ޒުވާނަކަށް ވެސް ފިލާވަޅެއް: ރަންބީރު

ރާޖް ކުމާރު ހިރާނީ ޑައިރެކްޓްކުރާ ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގައި ސަންޖޭގެ ރޯލު އަދާކުރަނީ މަޝްހޫރު އެކްޓަރު ރަންބީރު ކަޕޫރު ކަން މިހާރު އެންމެންނަށް ވެސް އެނގެ އެވެ. މި ފިލްމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިޔަށްދާއިރު ރަންބީރު ބުނަނީ ފިލްމުގައި ސަންޖޭ ދަތުގެ ހަޔާތުގެ އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ. މި ފިލްމުގެ ވާހަކަ ލިޔެފައިވަނީ ހަގީގަތުގައި އެ ކަމެއް ހިނގައި ދިޔަ ގޮތަށް ކަމަށް އޭނާ ބުންޏެވެ.

ސަންޖޭ ދަތުގެ ފިލްމަކީ ކޮންމެ ޒުވާނަކަށް ވެސް ފިލާވަޅެއް: ރަންބީރު
ސަންޖޭ ދަތުގެ ފިލްމަކީ ކޮންމެ ޒުވާނަކަށް ވެސް ފިލާވަޅެއް: ރަންބީރު

"ރާޖް ކުމާރު ހިރާނީ އުފައްދާ މި ފިލްމަކީ ޒުވާން ކުދިންނަށް ވަރަށް ރަނގަޅު ފިލާވަޅަކަށް ވާނެ. މި ފިލްމުގައި އިންސާނުންގެ ހުރި ނުކުޅެދުންތަކާއި ބައްޕަ އަކާއި ދަރިއެއްގެ އަސަރުގަދަ ވާހަކަ ދައްކުވައިދޭނެ. އަދި ސަންޖޭ އާއި އޭނާގެ އެންމެ ގާތް އެކުވެރިޔާއާ އޮތް ގުޅުމާއި އޭނާގެ ހަޔާތަށް އައި ހުރިހާ އަންހެނުންގެ ވާހަކަތައް ވެސް ފިލްމުގައި ދައްކާނެ،" ރަންބީރު ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި މިއީ ވަރަށް ޖަޒުބާތީ އެހާމެ މަޖާ އަދި ދެރަވާ ކަންތައްތައް ވެސް ފެނިގެންދާނެ ފިލްމެކެވެ. އޭނާގެ ހަޔާތުގެ ވާހަކައިގައި ޒުވާނުން ދަސްވާނެ ވަރަށް ގިނަ އެއްޗެހިތަކެއް ހުންނާނެ ކަމަށާއި އެފަދަ ގޯސްތައް ހެދުމުގެ ސަބަބުން އޭގެ ބަދަލު ސަންޖޭ އަށް އަދާކުރަން ޖެހުނު ގޮތް ވެސް ފިލްމުން ފެންނާނެކަމަށް ރަންބީރު ބުންޏެވެ.

ސަންޖޭގެ މަންމަ ނަރްގިސް ދަތު އޭނާގެ ފުރަތަމަ ފިލްމު ޕްރެމިއާ ކުރަން ވެފައި އޮއްވާ މަރުވުމާއި އޭގެ ފަހުން މަސްތުވާތަކެތީގެ ޝިކާރައަކަށް އޭނާ ވީ ގޮތާއި ޓެރަރިސްޓެއްގެ ލޭބަލް ޖެހުނު ގޮތާއި ކައިވެނިތައް ނާކާމިޔާބުވީ ގޮތް އަދި އޭނާއަށް ކުރެވުނު ކުށްތަކަށް އޭނާއަށް އަދާކުރަން ޖެހުނު އަގު މި ފިލްމުގައި ދައްކަ އެވެ.

ރަންބީރު ބުނި ގޮތުގައި އެމީހުން އުޅެނީ ސަންޖޭ ދަތަކީ ރަނގަޅު މީހެއް ނުވަތަ ގޯސް މީހެއް ގޮތަށް ދައްކާކަށް ނޫނެވެ. އެއީ ޕްރޮގެންޑާ ފިލްމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ފިލްމުގައި ސަންޖޭ ދަތުގެ ބައްޕަ ސުނިލް ދަތުގެ ރޯލު އަދާކުރަނީ ޕަރޭޝް ރާވަލް އެވެ. މަންމަގެ ރޯލު ތައްބޫ އަދާކުރާއިރު މިހާރުގެ އަނބިމީހާ މަންނީތާގެ ރޯލު އަދާކުރާނީ ދިއާ މިރްޒާ އެވެ. އަދި ސޯނަމް ކަޕޫރު ވެސް ސަންޖޭގެ ހަޔާތަށް އައި ކޮންމެވެސް އަންހެނެއްގެ ރޯލު ކުޅެ އެވެ.