03 ސެޕްޓެމްބަރ 2023 - 10:34

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި، ކެބިނެޓުން ފެށިގެން ސަރުކާރުގެ ހުރިހާ ހިސާބެއްގައި ވެސް، ޒުވާނުންގެ ހިއްސާ އެންމެ މަދުވެގެން 30 ޕަސެންޓަށް ބާއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ޒުވާނުންނަށް އިސްކަން ދިނުމުގެ ސިޔާސަތެއް ކުރިއަށް ނެރެފައިވާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ރޭގެ ރިޔާސީ ބަހުސްގައި ވިދާޅުވީ މިހާރު ފެންނަނީ ޒުވާނުން ވަޒީފާގެ އަޅުވެތިކަމެއްގައި ތިބޭތީ ކަމަށެވެ.
"އެ ކުދިން ތާށިކޮށްފައި، އެ ކުދިންގެ އާއިލާ، ބެލެނިވެރިން ތާށިކޮށްފައި ތިބޭތަން" ފެންނަ ކަމަށާއި ޑިމޮކްރެޓްސްގެ ވެރިކަމެއްގައި މި އަޅުވެތިކަން ނިމުމަކަށް ގެންނާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ޑިމޮކްރެޓުންގެ އަމާޒަކީ ދެކޮޅުޖެހޭ ބިޒްނަސް ޕްރޮޕޯސަލެއް ހިފައިގެން އަންނަ ކޮންމެ މީހަކަށް ވިޔަފާރިއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީ ފޯރުކޮށްދިނުން ކަމަށެވެ.
"އަތުގައި ލޯ ލާރިއެއް ނެތަސް، މޯގޭޖްކުރާނެ އެންމެ އެއްޗެއް ނެތަސް، ޕްރޮޕޯޒަލް ދިނީމާ 15 ދުވަހުގެ ތެރޭގައި އެކަން ކުރެވޭނެ ގޮތް ހަދައިދޭނަން،" ޑިމޮކްރެޓްސްގެ ފަސޭހަ ވިޔަފާރި ސިޔާސަތާ ބެހޭ ގޮތުން އިލްޔާސް ވިދާޅުވި އެވެ.
މި ސިޔާސަތަކީ ލައިޓް މެނުފެކްޗަރިން އާއި ވެލިއު އެޑިޝަނަށް ބޭނުންވާ ޕްރޮސެސިން އިންފްރާސްޓްރަކްޗާ އާއި އެކަމަށް ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީ އަދި ކޮންސިއުމަބްލް އިން ޑިއުޓީ ކަނޑާލަން ހިމަނާފައިވެ އެވެ. އަދި ޕޭޕާލް ފަދަ އިންޓަނޭޝަނަލް ޕޭމަންޓް ގޭޓްވޭތައް ތައާރަފްކުރުމާއި ފްރީލާންސްކޮށް މަސައްކަތްކުރާ މީހުންނާއި މަސްވެރިން ފަދަ މީހުންނަކީ ލޯނަށް ޝަރުތު ހަމަވާ އަދި ޕެންޝަން ލިބޭ މީހުންގެ ގޮތުގައި ކަނޑައެޅުން ވެސް ހިމެނެ އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ފަރުދުންގެ އާމްދަނީ އިތުރުވާތަނެއް ވެސް މިހާރު ނުފެނެ އެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ ފަރުދުންގެ އާމްދަނީ އިތުރުވަމުންދާ ތަނެއް. އެ އިތުރުކުރަންޖެހޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަރުދުންގެ އާމްދަނީ ފަސް ގުނަ އިތުރުކޮށްދޭނަން. ކޮން ރައްޔިތެއްގެ އާމްދަނީ އިތުރުވެގެން ދިޔައީ، އަޅުގަނޑުމެން މި އަންނަނީ އެކަން ކުރެވޭނެ ކަންކަން ކުރަން،" އޭނާ ވިދާޅުވި އެވެ.
ޑިމޮކްރެޓްސްގެ "ފަރުދުންގެ ފުދުންތެރިކަން-އަބުރުވެރި ހަޔާތެއް" ޝިއާރުގެ ދަށުން އަމާޒެއް ކަމަށް ހަދާފައިވަނީ ފަރުދުންނާއި ގޭބިސީތަކަށް ވަންނަ އާމްދަނީ ފަސް ގުނަ އިތުރުކުރުމަށެވެ. އިލްޔާސް ވިދާޅުވީ ރާއްޖޭގެ ދަރަނި އިންތިހާއަށް އިތުރުވެ، 2026 ވަނަ އަހަރު ބޮޑު ދަރަންޏެއް ދައްކަން ޖެހިފައިވާއިރު، އެކަން ކުރެވޭނީ ވެސް ފަރުދުންގެ އާމްދަނީ އިތުރުކޮށްގެންނެވެ.
މި ސަރުކާރަށް ކަން ކުރަން ނޭނގުނު ނަމަވެސް، ދަރަނިތައް އަދާކުރާނެ ގޮތް އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށާއި ދަރަނިތައް ރީސްޓަރަކްޗާކޮށް ގްރޭސް ޕީރިއަޑް އިތުރުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.