30 އޯގަސްޓް 2023 - 22:05

އައިކެއާއިން ދުނިޔޭގެ އިސް ރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ފަރާތްތަކުގެ ހެލްތު ސްކްރީނިން އިވެންޓެއް ބާއްވަން ނިންމައިފި އެވެ.
މި އިވެންޓަކީ އޭޖްޑް ކެއާ މޯލްޑިވްސް އާއި މޯލްޑިވްސް ސީނިއާ ސިޓިޒަންސް އެސޯސިއޭޝަނާ ގުޅިގެން އައިކެއާއިން ރާވާ ހަރަކާތެކެވެ.
މި ހަރަކާތް އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު 9 އިން ހަވީރު 5 އަށް ގަލޮޅު މަދަރުސާގަ އެވެ.
އައިކެއާއިން ބުނި ގޮތުގައި މި އިވެންޓުގައި ލޮލުގެ ހާއްސަ ޑޮކްޓަރުންނާއި އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނަށް ހިލޭ ކޮންސަލްޓު ކުރެވޭނެ އެވެ. އަދި ލޮލުގެ ފެނުން ޗެކުކުރުމާއި ލޮލުގެ ސިއްހަތު ދެނެގަތުމުގެ ޓެސްޓު ވެސް ހެދޭނެ އެވެ.
މި އިވެންޓުގައި ލޭގެ ޕްރެޝަރާއި ހަކުރު ޓެސްޓު ކުރުމާއި އަނގަ އާއި ދަތުގެ ސިއްހަތު ދެނެގަތުމާއި އަދި ބޮޑީ މާސް އިންޑެކްސް ދެނެގަތުން ފަދަ ހިދުމަތްތައް ދިނުމަށް ނިންމާފައިވާ ކަމަށް އައިކާއިން ބުންޏެވެ.
އައިކެއާއިން ބުނި ގޮތުގައި މި ހަރަކާތަކީ މިއީ އިސްރަށްވެހިންގެ މެދުގައި ދުޅަހެޔޮ ކަމާއި ސިއްހަތު މެނޭޖް ކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ރޭވި ހަރަކާތެކެވެ. އަދި މިއީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ރަހުމަތްތެރި މާހައުލެއްގައި އިސްރަށްވެހިންގެ ތަޖުރިބާތައް ހިއްސާކޮށް އެހީތެރިކަން ފޯރުކޮށްދީ އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް ލިބިގެންދާނެ ފުރުސަތެއްގެ ގޮތުގައި އައިކެއާއިން ފާހަގަކުރެ އެވެ.