ނުފޫޒު ފޯރުވާ މައްސަލަ ހުށަހެޅިޔަސް ނޭޅިޔަސް އީސީން މައްސަލަ ބަލައި ހުއްޓުވަންޖެހޭ: ޕީޕީއެމް
ނުފޫޒު ފޯރުވާ މައްސަލަ ހުށަހެޅިޔަސް ނޭޅިޔަސް އީސީން މައްސަލަ ބަލައި ހުއްޓުވަންޖެހޭ: ޕީޕީއެމް

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބަށް ސަރުކާރުން އިންތިހާއަށް ނުފޫޒު ފޯރުވައި، ވަޒީފާގެ ބިރު ދައްކަމުން އެބަދާ ކަމަށާއި އެކަމަށް އިލެކްޝަން ކޮމިޝަނުން ފިޔަވަޅު އެޅުމަށް އިދިކޮޅު ޕީޕީއެމުން ގޮވާލައިފި އެެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު، މުހައްމަދު ތޮލާލްގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އޭނާ ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި އެކަމަށް މަގު ދެއްކުމުގެ ގޮތުން ނުފޫޒު ފޯރުވުމާއި ދައުލަތުގެ މުވައްޒަފުންނަށް ބިރު ދެއްކުން އީސީން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އިންތިހާބުގެ ކެމްޕެއިނުގައި ދައުލަތުގެ މުދާ ބޭނުންކުރަމުންދާ ކަމަށާއި އެކަން ހުއްޓުވަން ވެސް ގޮވާލެއްވި އެވެ.

އީސީއަށް ނުފޫޒު ފޯރުވާކަމުގެ މައްސަލަ ހުށަނާޅާ ކަމަށް ބުނެ އެފަދަ މައްސަލަތައް ނުބަލާކަމުގެ ކަންބޮޑުވުން ހިއްސާކޮށް އޭނާ ވަނީ މައްސަލަ ހުށަހެޅެންދެން އީސީން މަޑުކުރަންޖެހޭތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި އީސީގެ ހަމައެކަނި ޒިންމާއަކީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓެއް އާންމުކޮށް، އެމީހުން ވޯޓު ކަރުދާސް ފޮއްޓަށް ވައްޓާލުމާ ހަމައަށް ކުރާ މަސައްކަތް އެކަނި ނޫން ކަމަށާއި އެތަނުގެ ޒިންމާ އެއަށް ވުރެ ބޮޑު ކަމަށް ތޮލާލް ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އޭނާގެ ކައިރީގައި ތިބި މީހުން މި ކުރަމުންދާ ކަންތައް އިލެކްޝަނުން ހުއްޓުވަން ޖެހޭ. އެ މައްސަލަ ހުށަހެޅުނަސް ނޭޅުނަސް އެ މައްސަލަ ބަލަން ޖެހޭ. އިލެކްޝަންސް ކޮމިޝަން އެބަޖެހޭ ޕްރޯ އެކްޓިވް ވާން،" ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ހިނގާތޯ ކަށަވަރުކުރުމަކީ އެ ކޮމިޝަނުގެ ޒިންމާއެއް ކަމަށެވެ.

"އެކަން [މިނިވަންކަމާއި އިންސާފުވެރިކަމާ އެކު] ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަމެއް،"

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް މިރޭ ބާއްވާ ޖަލްސާއާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައި ތޮލާލް ވަނީ އެއީ ގާނޫނީ ކޮން ހަމައަކުން ކުރަން އުޅޭ ކަމެއްތޯ ސުވާލު ކުރައްވައިފަ އެވެ.

"ސިޓީއަކަށް ބަދަލުކުރާއިރު އެތަނަކުން ހިދުމަތްތަކެއް ލިބެންޖެހޭ. އެ ހިދުމަތްތައް މި ސަރުކާރަށް ދެވިއްޖެތޯ. އެ ހިދުމަތްތަކެއް ނެތް. ގާނޫނީ ގޮތުން ކިހިނެއްތޯ މިކަން ކުރަނީ،"

އޭނާ ވިދާޅުވީ ޑރ. މުއިއްޒު، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމެވީ ގާނޫނުގެ ދަށުން ގެންނަން ޖެހޭ ބަދަލުތަކާއި ސިޓީއެއްގެ ފެންވަރަށް ހިދުމަތްތައް ބަދަލުކުރުމަށް ފަހުގައި ކަމަށެވެ. މި ސަރުކާރުން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން އުޅެނީ އެކަމަކީ ޑރ. މުއިއްޒުގެ ވައުދަކަށްވެފައި ގާނޫނާ ހިލާފަށް ކަމުގައި ވިޔަސް އެކަން އަވަހަށް ނިންމާލުމަށް ކަމަށް ތޮލާލް ވިދާޅުވި އެވެ. އަދި އެކަމަކީ ސަރުކާރު ބަލިވެއްޖެ ކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އެހެންވެ އަޅުގަނޑުމެންގެ ވައުދުތައް ވެރިކަން ނިމެންވާއިރަށް ނިންމާލައިގެން ރައްޔިތުންނަށް ދަޅަ ދައްކައިގެން ވިޔަސް އަވަހަށް އިތުރު ވޯޓުކޮޅެއް ވެސް ލިބޭތޯ މިއުޅެނީ. ރައްޔިތުން އެހާ ގަމާރެއް ނޫން." ވޯޓަށް ކައިރިވެފައި ވަނިކޮށް މާލެއިން ގޯތިދީފައިވާތީ އެކަމަށް ފާޑުވިދާޅުވެ، ތޮލާލް ވިދާޅުވި އެވެ.

އެކި ކުލަ ކުލައިގެ ގަލަމުން ވޯޓުކަރުދާހުގައި ފާހަގަޖަހަން މަސައްކަތްކުރާ ކަމުގެ ތުހުމަތުކޮށް، ތޮލާލް ވަނީ އިންސާފުވެރިކަމާ އެކު އިންތިހާބު ބޭއްވުމަށް ނޫ ނުވަތަ ކަޅު ކުލައިގެ ގަލަން އެކަނި ބޭނުންކުރެވޭ ގޮތަށް ހެދުމަށް ވެސް އީސީއަށް ގޮވާލައްވައިފަ އެވެ.