30 އޯގަސްޓް 2023 - 15:12

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް މިއަހަރުގެ މުބާރާތުގެ އެންމެ ފަހު ޒޯން ކަމަށްވާ މާލެ އަތޮޅު އުތުރުގެ ރިސޯޓްތައް ބައިވެރިވާ "ނޯތު ކާފް" މުބާރާތުގެ ފައިނަލްގައި ފަހަތުން އަރައި 3-2 އިން ކުރުނބާ މޯލްޑިވްސް ބަލިކޮށް ޖުމެއިރާ މޯލްޑިވްސް "ގްރޭންޑް ސެމީ ފައިނަލް"ގެ ފަހު ޖާގަ ހޯދައިފި އެވެ.
ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި އެޓީމުން ގޯލެއް ޖަހާފައި ވަނިކޮށް ޖުމެއިރާއިން ވަނީ ހާފު ނިމުމުގެ ކުރިން އެއްވަރު ކޮށްފަ އެވެ. ފަހު ހާފުގައި ވެސް ކުރުނބާ އިން ދެވަނަ ފަހަރަށް ލީޑު ނެގުމުން ޖުމެއިރާ އިން ނަތީޖާ އެއްވަރު ކުރިއެވެ.
ޖުމެއިރާ މޮޅުވި ގޯލު ޖެހީ މެޗު ނިމެން ކުޑަތަން ވެފައިވަނިކޮށް ލިބުނު ހިލޭޖެހުމަކުންނެވެ. ހިލޭޖެހުމުން މޮޅުވި ގޯލު އެޓީމަށް ޖަހައިދިނީ ހުސެއިން ސައިފް މޫސާ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އޭނާ އެވެ.
ޖުމްލަ ނުވަ ގޯލު ޖަހައިގެން ޒޯންގެ ޓޮޕް ސްކޯރާގެ މަގާމުގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ސައިފް އެވެ.
ނޯތު ކާފްގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖުމެއިރާގެ އަހުމަދު ތޯއިފް، މުހައްމަދު އިޝާން، އަލީ އަގީދު އަދި ކުރުނބާ މޯލްޑިވްސްގެ އަބްދުﷲ އާހިލް އާއި މުހައްމަދު ވަހީދެވެ. އެންމެ މޮޅު ކޯޗަކީ ޖުމެއިރާގެ އަހުމަދު ޝުޒުނީ އެވެ.
ޓެކާސް މުބާރާތުގެ ގްރޭންޑް ސެމީ ފައިނަލްގައި ޖުމެއިރާ ބައްދަލުކުރާނީ ނ. އަތޮޅު ޒޯންގެ ޗެމްޕިއަންކަން ހޯދި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓާ ދެކޮޅަށެވެ. ދެވަނަ ސެމީ ފައިނަލް މެޗުގައި ސައުތު ކާފްގެ ޗެމްޕިއަން ކްރޮސްރޯޑްސް މޯލްޑިވްސް އާއި ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓެވެ.
ޖުމްލަ ހަތް ޒޯނު ހިމެނޭ މި މުބާރާތުގެ ގްރޭންޑް ސެމީއަށް ވެލާ އައިލެންޑް ދިޔައީ ކުއާޓާގައި ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ބަލިކޮށްފަ އެވެ. ޅ. އަތޮޅު ޒޯންގެ ޗެމްޕިއަން ކޮކޫން ބަލިކޮށް ވެލާ ކުއާޓާ އިން ފުރުސަތު ހޯދި އިރު، ޖޯލި ކުއާޓާއަށް ދިޔައީ ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ ބަލިކޮށްފަ އެވެ.
ގްރޭންޑް ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ މާދަމާ ކުރުނބާ ރިސޯޓުގަ އެވެ.