ހުޅުމާލެއިން ދަނޑުވެރިކަމަށް ބިން ދޫކުރަނީ
ހުޅުމާލެއިން ދަނޑުވެރިކަމަށް ބިން ދޫކުރަނީ

ދަނޑުވެރިކަން ކުރުމަށް ހުޅުމާލޭގައި ބިން ދޫކުރަން އާބަންކޯއިން ހުޅުވާލައިފި އެވެ.

އާބަންކޯ އިން ބުނީ، މި މަޝްރޫއުއަށް 673 އަކަފޫޓުގެ 12 ލޮޓު ދޫކުރާނެ ކަމަށެވެ. މި ބިންތައް ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މި އުސޫލުން ބިން ދޫކުރަނީ ހުޅުމާލޭގައި ދިރިއުޅެމުންދާ 18 އަހަރުވެފައިވާ މީހުންނެވެ. އަދި އާބަން ފާމިންގެ އެހެން ޔުނިޓެއް މީގެ ކުރިން ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް އާބަންކޯއިން ބުންޏެވެ.

އާބަންކޯއިން ބުނީ މި މަޝްރޫއު ހިންގޭނީ ތިން ކެޓަގަރީއަކުން ކޮންމެ ތިން މީހުންގެ ގްރޫޕަކަށް ލޮޓެއް ލިބޭ އުސޫލުން ކަމަށެވެ. ފުރަތަމަ ކެޓަގަރީ އަންހެނުންނަށް ހާއްސަކޮށްފައިވާ އިރު އެ ކެޓަގަރީއަށް 50 ޕަސެންޓް ކަނޑައަޅާފައިވެ އެވެ. ދެވަނަ ކެޓަގަރީ ހާއްސަކޮށްފައިވަނީ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. އެ ކެޓަގަރީއަށް 25 ޕަސެންޓް ހާއްސަކޮށްފައިވެ އެވެ. ތިން ވަނަ ކެޓަގަރީ އަކީ އާންމުކޮށް ހުޅުވާލެވޭ ކެޓަގަރީ އެވެ. މި ކެޓަގަރީއަށް ވެސް ކަނޑައަޅާފައިވަނީ 25 ޕަސެންޓެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިގޮތަށް ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ މަގްސަދަކީ އިޖްތިމާއީ ގުޅުން ވަރުގަދަކޮށް ކާބޯތަކެތި ފަސޭހަ ކަމާއި އެކު އުފައްދާ، ލިބޭނެ ގޮތް ހުޅުމާލެގައި މަގުފަހި ކޮށްދިނުމެވެ.

އާބަންކޯއިން ދޫކުރާ މި ލޮޓުތަކުގައި ގަސްކާނާ ފިހާރަ، ހައިޑްރަޕޮނިކް ސިސްޓަމް ފަދަ ދަނޑުވެރިކަމަށް ބޭނުނަވާ ހުރިހާ ވަސީލަތެއް ހުންނާނެ އެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 28 ގެ ކުރިން އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހެ އެވެ.