30 އޯގަސްޓް 2023 - 14:02

މި ފަހަރު ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ޖުމްހޫރީ ޕާޓީއަށް ރައްޔިތުން ނުދީފި ނަމަ، އެ ޕާޓީގެ ބައިވެރިވުން އޮވެގެން ގެނައި ސަރުކާރުތަކުން ހެދި ގޯސްތަކުގެ އިލްޒާމް ޖޭޕީއަށް ދެން އަމާޒުނުކުރެވޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ނައިފަރަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ޖޭޕީގެ ބޮޑު ހިއްސާއެއް އޮވެގެން ގެނައި ސަރުކާރުތަކުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކުރި ކަންތައްތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ.
ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން އަދި މި ސަރުކާރުން ވެސް ހެދި ގޯސްތައް ޖޭޕީއަށް ވެސް ރައްދުކުރަމުންދާ ކަމަށެވެ. އެކަމަކު، ކޮންމެ ފަހަރަކު ވެސް ޖޭޕީން މަސައްކަތް ކޮށްގެން އެހެން ބަޔަކު ވެރިކަމަށް ގެންނަނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނެ ކަމުގެ އުއްމީދުގައި ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީގެ އިތުރުން ޕީޕީއެމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވި ގޮތުގައި، އެ ދެ ޕާޓީ ވެސް ޓެސްޓު ކުރެވިއްޖެ ކަމަށާއި އެކަމަކު ކޮންމެ ފަހަރަކު ވެސް ކުރިމަތިލާންޖެހުނީ އެކަމުގެ ހިތި ނަތީޖާ އާ އެވެ.
"...އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ އޭ. އެ ޕާޓީތައް މިހާރު އެ އޮތީ ފެއިލްވެފައި. އެހެން މީހަކު ގެންނަން ތިޔަ ބޭފުޅުން ވިސްނަވަންވީ. އެ މީހުންނަށް މިހާރު ފުރުސަތު ދެވިއްޖެ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ހެދި ގޯސްތައް ރަނގަޅުކޮށް، ގައުމު ދަރުވާނުލައި، ރާއްޖެ އަމާން އައްސޭރިއަކަށް ޖޭޕީގެ ވެރިކަމެއްގައި ގެންގޮސްދޭނެ ކަމަށެވެ. އެކަމަކު އެކަން ކުރެވޭނީ ގާސިމް ވިދާޅުވި ގޮތުގައި، އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ އިންތިހާބުގައި ރައްޔިތުން އެ ފުރުސަތު ދީފި ނަމަ އެވެ.
"ނުދެއްވައިފިއްޔާ ކުރާނެ ކަމެއް ނެތް. އެ ހިސާބުން ދެން އަޅުގަނޑު ދެ އަތް އޮޅާލައިގެން ގެއަށްތާ ދާންޖެހޭނީ،" އެކަމަކު މި ކެމްޕޭނުގެ ތެރެއިން ތަކުރާރުކޮށް ދައްކަވާ ވާހަކަތަކުގެ ރެކޯޑިން ހުންނާނެ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
އަދި މި ވާހަކަތައް ރައްޔިތުން އަޑުނާހައިފިނަމަ، ކުރީގެ ސަރުކާރުތައް ގެންނަން ޖޭޕީން ކުރި މަސައްކަތުގެ ވާހަކަ އެއްވެސް ރައްޔިތަކު އެ ޕާޓީއަށް އަމާޒުނުކުރަން ގާސިމް އެދިވަޑައިގެންނެވި އެވެ.
"އެހެންވީމަ މި ފަހަރު އަޅުގަނޑަށް ފުރުސަތު ނުދެއްވައިފިއްޔާ ދެން އެ ވާހަކަ ރައްޔިތުން އަޅުގަނޑާ ދިމާއަށް، އެކަކަށް ވެސް އެއްޗެއް ބުނުމުގެ ފުރުސަތެއް ދެން ނޯންނާނެ،" ވަރަށް ވިސްނުންތެރިކަމާ އެކު ވޯޓުލާ މީހާ ހިޔާރުކުރުމަށް ރައްޔިތުން ކިބައިން އެދިވަޑައިގަންނަވަމުން ގާސިމް ވިދާޅުވި އެވެ.