ފުލުހުންގެ މުސާރަ ޖަމާކުރަން ފޮނުވައިފި، އެކަމަކު ކުރީގެ މުސާރަ
ފުލުހުންގެ މުސާރަ ޖަމާކުރަން ފޮނުވައިފި، އެކަމަކު ކުރީގެ މުސާރަ

ފުލުހުންގެ މިދިޔަ މަހުގެ މުސާރަ ކުރީގެ އޮނިގަނޑާ އެއްގޮތަށް ހެދުމަށް ފަހު، ޖަމާކުރަން ފިނޭންސް މިނިސްޓްރީ އަށް މިއަދު ފޮނުވައިފި އެވެ.

ފުލުހުންގެ އިސް އޮފިޝަލަކު އެކަން ކަށަވަރު ކޮށްދެއްވަމުން "މިހާރު" އަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީ އަށް ފޮނުވީ "ކުރީގެ މުސާރަ" ކަމަށާއި އެކަމަކު އަދިވެސް މުސާރަ ޖަމާނުވާ ކަމަށެވެ.

ކުރީގެ އޮނިގަނޑުގެ ދަށުން ފުލުހުންނަށް މިދިޔަ މަހުގެ މުސާރަ ދޭން ނިންމިއިރު، މުސާރައިގެ އާ އޮނިގަނޑުގެ ދަށުން އެ މުސާރަ ދިނުމާ މެދު ސަރުކާރުގެ އިދާރާތަކުގެ މެދުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

ފުލުހުންގެ މިދިޔަ މަހުގެ މުސާރަ ޖަމާކުރުން ލަސްވާތީ، އެމީހުންގެ ކަންބޮޑުވުންތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ކުުރީގެ މުސާރައިގެ އޮނިގަނޑަށް އަމަލު ކުރުމުން، ފުލުހުންނަށް އިތުރުކުރި އެލަވަންސްތަކާ އެކު މުސާރަ އަށް އެއްވެސް އެއްޗެއް އިތުރެއް ނުވާނެ އެވެ. އާ އޮނިގަނޑުގެ ދަށުން މުސާރަ އާއި އިނާޔަތްތައް ޖަމާކޮށްފި ނަމަ އެންމެ އާދައިގެ ފުލުހަކަށް ގާތްގަނޑަކަށް 4،000ރ. އިތުރުވާނެ ކަމަށް ލިބިފައިވާ މައުލޫމާތުތަކުން ދައްކަ އެވެ.

ފުލުހުންގެ މުސާރަ ލިބުން ލަސްވާތީ، ފުލުހުންނަށް 10،000ރ. ގެ ލޯނެއް ދޫކުރުމަށް ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީން ވަނީ ނިންމައިފަ އެވެ. އަދި އެކަމަށް 200 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް އެ ކޯޕަރޭޓިވް އިން ވަނީ މިއަދު ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލިހުން މި އަހަރުގެ ބަޖެޓް ފާސްކުރި އިރު ފުލުހުންނަށް ވަނީ މިދިއަ އަހަރަށް ވުރެ ވަރަށް ބޮޑު ތަން އިތުރު ބަޖެޓެއް ދީފަ އެވެ. އެގޮތުން މިދިއަ އަހަރަށް ވުރެ 230 މިލިއަން ރުފިޔާ އިތުރެވެ. މިދިއަ އަހަރުގެ ބަޖެޓަކީ 1.103 ބިލިއަން ރުފިޔާ އެވެ. މި އަހަރު ދީފައި ވަނީ 1.334 ބިލިއަން ރުފިޔާ އެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މުސާރަ އިން ބޮޑުވި ބައި މި އަަހަރުގެ ބަޖެޓްގައި ހިމަނާފައި ވާނެ އެވެ.

ނަމަވެސް އެ އުސޫލާ އެއްގޮތަށް މިދިޔަ މަހުގެ މުސާރަ ދޭން ފިނޭންސް މިނިސްޓްރީ ދެކޮޅު ހަދާ ސަބަބެއް އަދި ނޭނގެ އެވެ.