ތިނަދޫ-ކާޑެއްދުއާ ދެމެދު ބްރިޖެއް އަޅާނަން: މުއިއްޒު
ތިނަދޫ-ކާޑެއްދުއާ ދެމެދު ބްރިޖެއް އަޅާނަން: މުއިއްޒު

ގދ. ތިނަދު އާއި ކައިރީގައި އޮތް ކާޑެއްދޫ އެއާޕޯޓާ ދެމެދު ކޯޒްވޭ ބްރިޖެއް އަޅައި ގުޅާލުމުގެ ވައުދު އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވެވަޑައިގެންފި އެވެ.

ރ. ދުވާފަރުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އޭނާ އިއުލާން ކުރެއްވި ގޮތުގައި ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރާނީ އިންޓަނޭޝަނަލް އެއާޕޯޓެއް ގޮތަށެވެ. މުއިއްޒުގެ ވެރިކަމެއް ނިންމާފައި ވަނީ އެ އެއާޕޯޓާއި ތިނަދޫއާ ގުޅާލާ ގޮތަށެވެ.

މުއިއްޒު މިކަން އިއުލާން ކުރެއްވީ ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދާނެ ކަަމަށް ވިދާޅުވުމާ ގުޅިގެން ތިނަދޫގައި އުފެދުނު ނުތަނަވަސްކަން ފިލުވާށެވެ. މުއިއްޒު ވިދާޅުވީ ހުވަދު އަތޮޅަށް އިންޓަނޭޝަނަލް ދެ އެއާޕޯޓް ބޭނުންވާ ކަމަށެވެ.

އެއީ، ހުވަދު އަތޮޅު އޭނާގެ ސަރުކާރެއްގައި ތަރައްގީ ކުރާނީ ޓޫރިޒަމްގެ ހަބެއްގެ ގޮތުގައި ކަމުން، އެ ޑިމާންޑް ދެ އެއާޕޯޓަށް ވެސް އޮންނާނެތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އޭނާ އިއުލާން ކުރައްވާފައިވާ ގޮތުގައި ހުވަދު އަތޮޅުގައި 10،000 އެނދު އުފެއްދުމުގެ މަޝްރޫއުތައް ހިންގަވާނެ އެވެ.

މުއިއްޒު ރޭ ވަނީ ތިނަދޫ، ސިޓީއަކަށް ބަދަލުކުރާނެ ކަމަށް ވިދާޅުވި ވިދާޅުވުން ވެސް ތަކުރާރު ކުރައްވައިފަ އެވެ. ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ތިނަދޫ ސިޓީއަކަށް ހަދާނެ ކަން މުއިއްޒު ވިދާޅުވި އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ސިޓީއަކަށް ވެވެނީ އާބާދީގައި 10،000 ހަމަވުމުންނެވެ. ތިނަދޫގެ އާބާދީއަކީ 8،000 އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަމުގައި ތިނަދޫގައި ވަނީ ސިޓީއަކަށް ބޭނުންވާ ހިދުމަތްތަކާއި ވަސީލަތްތައް ގާއިމު ކޮށްދީފައި އެވެ. ދެން އިތުރަށް ގާއިމްކުރަން ހުރި ކަންކަން އޭނާގެ ސަރުކާރެއްގައި ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ތިނަދޫގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހެދުން ހިމެނެ އެވެ.

މުއިއްޒު ނިންމަވާފައި ވަނީ އޭނާ އަށް ވެރިކަން ލިބިއްޖެ ނަމަ ތިނަދޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ވެސް އިމާރާތް ކުރާށެވެ.

- ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުން.

- 10،000 އެނދާ އެކު ހުވަދޫ ޓޫރިޒަމްގެ ހަބަކަށް ހެދުން.

- ޑީކޮންޕޮސިޝަން ޗެމްބަރު.

- ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކޮށް އިތުރުކުރުން.

- ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުން.

- ތައުލީމީ ނިޒާމް ތަރައްގީކުރުން.

- މަސްވެރިންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުން.