30 އޯގަސްޓް 2023 - 06:25

(އާދިއްތަ ދުވަހާ ގުޅޭ)
"އަހަރެން ކޮން ކަމެއް އޮޅުވާލީ؟" ހައިރާންވެފައި ރިންދާ އެހިއެވެ.
"އަހަރެން އެއް ފަހަރު ވެސް ނުބުނަން އާމިރާ ވަރިކުރި ވާހަކައެއް،" ދިފާއުގައި ފައިސަލް ބުންޏެވެ. "އަހަރެން ބުނީ އަހަންނާ ދަރިފުޅު ހަވާލުކޮށްފަ އޭނަ ދިޔައީއޭ. އަހަރެން އެކަންޏޭ އުޅެނީ. އަހަރެން އޮޅުވައެއް ނުލަން. ދެން ރިންދާ ތި ސުވާލުކުރީމަ، އަހަރެން ވެސް މި ސުވާލުކުރަނީ. އަނެއްހެން ކަންބޮޑުވެގެނެއް ނޫން. ރިންދާ ފުރަތަމަ އިން މީހާޔާ ޑިވޯސްވެފަ، އެހެން މީހަކާ އިންނަން ރަންކިއިންތަ؟"
ރިންދާއަށް ޝޮކެއް ލިބުނުތަން ފައިސަލަށް ފެނުނެވެ. ފައިސަލާ ދިމާއަށް ބަލަހައްޓައިގެން އިންދައި ރިންދާ ފެންކަޅިވިއެވެ. ކުއްލިއަކަށް ތެދުވެގެން ނުކުންނަން ހިނގައިގަތެވެ.
"ރިންދާ! ރިންދާ މަޑުކޮށްބަލަ!" ފައިސަލް ގޮވައިލިއެވެ.
ފައިސަލް ގޮވާގޮވައި ވެސް ރިންދާއެއް ނުހުއްޓުނެވެ. ދޮރު ހުޅުވާއަޅާފައި، ދުވެފައި ކަހަލަ ގޮތަކަށް ރިންދާ ނުކުމެގެން ދިޔައީއެވެ. އެ ސުވާލު އެހުނު މޮޔަ ހިތަށްއަރާފައި، ފައިސަލަށް ހުރެވުނީއެވެ. އޭގެ ފަހުން ދެން ފައިސަލަކަށް ރިންދާއަކާ ނުގުޅެއެވެ. ފައިސަލް ގުޅާތަން ރިންދާއަށް ފެނެއެވެ. އެތައް ފަހަރަކުއެވެ. ދެން އަންނަނީ މެސެޖެކެވެ. ރިންދާ މެސެޖު ބަލައެވެ. އޭގައި އޮންނަނީ އައި އޭމް ސޮރީއެވެ. އެތައް ފަހަރަކު އެ ކަން ތަކުރާރުވިއެވެ. މާފަށްއެދެންވާ ވަރުގެ ކަމެއް ނުކުރާކަން ފައިސަލަށް އެނގޭ އިރު ވެސް މާފަށްއެދެނީއެވެ. އެ ގުޅުން ދަމަހައްޓަން ބޭނުންވާތީއެވެ.
ރޭގަނޑެއްގެ ވަގުތެވެ. ޓީވީ ހުޅުވައިގެން ފައިސަލް އޮތީ ސޯފާގައެވެ. އެހެން އޮއްވައި ފައިސަލަށް ނިދުނެވެ. ސިއްސައިގެންގޮސްފައި ހޭލެވުނެވެ. ހޭލެވުނީ ކޮންމެވެސް އަޑެއްއިވިގެންނެވެ. ކޮން އަޑެއްކަމެއް، ކޮން ދިމާއަކުންއައި އަޑެއްކަމެއް ވެސް ނޭނގުނެވެ. ހޭލެވުނު އިރު ވެސް ޓީވީހުރީ ހުޅުވައިފައެވެ. އެކަމަކު ކަޅު އިސްކިރީނުން ފެންނަނީ އިނގެރޭސި ދެ ލަފުޒެވެ. ނޯ ސިގުނަލްއެވެ. ފައިސަލް ތެދުވެ ސޯފާގައި އިށީނެވެ. ޓީވީ ނިއްވައިލަންވެގެން ރިމޯޓު ކޮބައިތޯ ބަލައިލިއެވެ.
"މިއޮތީ!" އެ ވަގުތު، ފުރަގަހުން ރިމޯޓު ދިއްކޮށްލަމުން އާމިރާ ބުންޏެވެ.
ފައިސަލް ފަހަތް ބަލައިލައިފައި ފުންމައިގެން ތެދުވިއެވެ. ހިތަށްއެރިއެވެ. ފައިސަލަށް ނުވެސް އެނގި އާމިރާ ގެއަށް ވަނީ ކިހިނެއްހެއްޔެވެ؟ އާމިރާ ހުރީ ބުރުގާނާޅައެވެ. އެއީ ފައިސަލް އަޅައިގަތް ތަންކޮޅެކެވެ. އޭނަގެ އިސްތަށިގަނޑު، އާދަޔާ ހިލާފަށް ފަންވެފައި ދިގެވެ. އެއީ ވެސް ފައިސަލް ވަރަށް އަަޅައިގަތް ކަމެކެވެ.
"ކީއްވެ މާ ހައިރާންވެފަ ތި ބަލަނީ؟" އާމިރާ ނިކަން ލޯބިން އެހިއެވެ. "މީ އާމިރާއޭ!"
އާމިރާ ޓީވީ ނިއްވައިލިއެވެ. ޓީވީ ކައިރިއަށް ގޮސް، ޓީވީ ކައިރީގައި ރިމޯޓު ބޭއްވިއެވެ. ކުޑަދޮރުގެ ފޮތިގަނޑު ކަހާލައިފައި، ދޮރު ހުޅުވައިލިއެވެ. ޖެހިލި ބާރު ވައިރޯޅިއަކާ އެކުގައި، އާމިރާ ބޯ، ފަން އިސްތަށިގަނޑު ވިހުރިގެންދިޔައެވެ. އެހައި ދިގު އިސްތަށިގަނޑެއް އާމިރާގެ ނޯންނާނެކަން ފައިސަލަށް ކަށަވަރެވެ.
"އޭސީއަށް ވުރެ މި ވައި މާ އަރާމުވާނެ،" އާމިރާ ބުންޏެވެ. "ނިދާލަބަލަ!"
ކުއްލިއަކަށް ފައިސަލަށް ހޭލެވުނެވެ. ފައިސަލް އޮތީ ސޯފާގައެވެ. ޓީވީ ހުރީ ނިވިފައެވެ. އެ ތާކު އެހެން މީހަކު ނެތެވެ. އެހެނަސް ރިމޯޓު އޮތީ ޓީވީ ކައިރީގައެވެ. ސޯފާގައި ފައިސަލް އިށީނީ ރިމޯޓު ހިފައިގެންނެވެ. އެއީ ޔަގީންކަމެކެވެ. ޓީވީ ކައިރީގައި ރިމޯޓު އޮންނަންޖެހޭ ސަބަބެއް ފައިސަލަކަށް ނުވިސްނުނެވެ. ކުޑަދޮރު ހުރީ ފޮތިގަނޑު ކަހާލައިފައެވެ. ދޮރު ހުރީ ހުޅުވައިފައެވެ. އޭސީކޮށްފައި ފައިސަލް ދޮރެއް ނުހުޅުވާނެއެވެ. އެއީ ދުވަހަކު ވެސް ފައިސަލް ކުރި ކަމެއް ނޫނެވެ. ވަގުތުން ފޯނު ނަގައިފައި މަންސޫރަށް ގުޅައިލިއެވެ. ވީ ގޮތް ކިޔައިދިނެވެ.
"އަހަރެން ކުރަން ބުނި ކަންތައް ފައިސަލް ބަރާބަރަށް ކުރަންތަ؟" މަންސޫރު ސުވާލުކުރިއެވެ. "ފަސް ނަމާދު ކުރަން؟"
"ބައެއް ދުވަސްދުވަހު ހުންނާނެ ކުރެވިފަ. އަނެއްހެން..." ފައިސަލަށް ބުނެވުނީ އެ ހިސާބަށެވެ.
"ޒިކުރުތަކާ އާޔަތްތައް ކިޔަން؟" މަންސޫރު އެހިއެވެ.
"ކިޔަން. އިއްޔެ ވެސް ކިއިން." ފައިސަލް ބުންޏެވެ.
"ނިޔަފަތިގަނޑުގެ ދަށާ، ކަންފަތާ، ނޭފަތުން އެތެރެއަށް ދެމިގަންނަ އެއްޗަކަށް ބޮޑު ބާގަނޑެއް ނުދައްކާ!" މަންސޫރު އިންޒާރުދިނެވެ. "ހުރިހާ ކުލައެއްގަ، ހުރިހާ ސައިޒެއްގަ، ހުރިހާ ސިފައެއްގަ ޖިންނީން އަންނާނެ. ވަންނާނެ. ތީ ހެޔޮވިސްނޭ ވަރުގެ އިންސާނެއް. ޒިންމާދާރުވާން ދަސްކުރޭ!"
ރިންދާއަށް ފޯނާއި މެސެޖުއައުން މެދުކެނޑިފައި އެއްދުވަހަކު ޖެހިޖެހިގެން ދެ މެސެޖު އައެވެ. ދެވަނަ މެސެޖު ފޮނުވީ ޒިޔާނެވެ. އޭގައި އޮތީ ޕްލީސް ކޯލް މީއެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތެވެ. ރިންދާ ކުރާނެ އެހެން ކަމެއް ވެސް ނެތެވެ. އެކަމަކު ޒިޔާނަކަށް ވެސް ރިންދާ ނުގުޅައެވެ. ގާތުގައި ފައިސަލް އިނދެދާނެހެން ހީވާތީއެވެ. ދެން ގުޅަން ފެށީ ޒިޔާނެވެ. އެ ހިސާބުން ރިންދާއަކަށް ކެތެއްނުވިއެވެ. ފޯނު ނެގިއެވެ.
"ހަލޯ!" ވަރަށް ހަމަޖެހިފައިވާ އަޑަކުން ރިންދާ ބުންޏެވެ.
"ރިންތަ!" ޒިޔާން ބުންޏެވެ. "ކީއްތިކުރަނީ؟"
"ނަތިން!" ރިންދާ ބުންޏެވެ. "ހަމަ އިނީ. ޒިޔާން ކީއްތިކޮށްލަނީ؟"
"ޒިޔާން ވެސް ކަމެއްނުކުރަން. ހަމަ އިނީ!" ޒިޔާން ބުނި އަޑު އިވުނެވެ. "އާދެ ޕިއްޒާ ކާން."
ވެގެންއުޅޭ ގޮތް ރިންދާއަށް އެނގެއެވެ. ފައިސަލްގެ އެ މަޅީގައި ޖެހޭކަށް ރިންދާ ބޭނުމެއް ނޫނެވެ.
"އާނ މި ދަނީ!" ރިންދާ ބުންޏެވެ.
ފޯނު ބާއްވާފައި ވެސް ރިންދާ ވިސްނާލިއެވެ. ހިތަށްއެރިއެވެ. މި ދަނީއޭ ބުނީ ކީއްކުރަންހެއްޔެވެ؟ ދެން ހަދަނީ ކިހިނެއްހެއްޔެވެ؟ އޭރު ގަޑިން ނުވައެއްޖަހަނީއެވެ. ޒިޔާން އިނީ ފިލާވަޅުހަދާށެވެ. އިރުއިރުކޮޅާ ގަޑިއަށް ބަލައިލައެވެ. ކައިރީގައި ދެ ޕިއްޒާ އޮތެވެ. ދަހިވެގެން އެއް ޕިއްޒާ ހުޅުވައިލައިފައި، ވަސްބަލައިލައިފައި ލެއްޕިއެވެ.
"ޑެޑީ! އަވަސްކޮށްގެން އާދެބަލަ! މިހާރު ރިންތަ ވެސް އެބަ އާދޭ!" ޒިޔާން ގޮވައިލިއެވެ.
ކުއްލިއަކަށް ފައިސަލް ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޯ އެކަނި ދިއްކޮށްލިއެވެ.
"ދަރިފުޅު ބުނިންތަ ރިންތައޭ؟" ފައިސަލް އެހިއެވެ.
"ރިންތަ އެބަ އާދެއޭ ޕިއްޒާކާން،" ފައިސަލަށް ނުބަލައި، ފިލާވަޅުހަދަން އިނދެ ޒިޔާން ބުންޏެވެ. "ހަރިއަޕް! ބޯއީސް ރެޑީވާން ތިހާ ގިނަ އިރު ނަގާތަ؟"
ފައިސަލް ނޫންކަމަށްހަދާފައި ނުކުމެގެން އައިސް ޒިޔާންގެ މޭޒު ކައިރީގައި ހުއްޓުނެވެ. ވިސްނައިލިއެވެ. ޒިޔާނަށް އެ ކަން ފާހަގަވެގެން ބަލައިލިއެވެ. ބަލައިލީމާ ފައިސަލް ނޭނގޭކަމަށް ހަދައިލިއެވެ.
"ވަޓް؟" ފައިސަލް އެހިއެވެ.
"ޑެޑީ މި ތާ ހުންނާތީ،" ޒިޔާން ބުންޏެވެ. "ކިހިނެއްވީތަ؟"
"ކަމެއް ވެއްޖެތަ؟" ފައިސަލް ބުންޏެވެ. "މީ... ޒިޔާން ކީކޭ ބުނީ ރިންތަ ކައިރީގަ؟"
"ޕިއްޒާކާން އަންނާށޭއެއްނު." ޒިޔާން ޖަވާބުދިނެވެ.
"ދެން؟" ފައިސަލް ބޭނުންވި ޖަވާބު ނުލިބުމުން އެހިއެވެ. "ބުނީމަ ދެން ކިހިނެއްވީ؟"
"ދެން ފޯނު ބާއްވާނީނު!" ޒިޔާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
"އުހުނ މި ބުނީ، ޒިޔާން އެހެން ބުނީމަ ދެން ކީކޭހޭ ރިންތަ ބުނީ؟" ފައިސަލް ބޭނުންވާ ސުވާލު އެހިއެވެ.
"މި އަންނަނީއޭ ބުނީ." ޒިޔާން ބުންޏެވެ.
"އެހެންތަ؟" ކުޑަކޮށް ހައިރާންވެފައި ފައިސަލް ބުންޏެވެ. "އޯކޭ، އެބަ އަންނަން އިނގޭ!"
ފައިސަލް ގޮސް ކޮޓަރިއަށް ވަދެފައި ރިންދާއަށް ގުޅިއެވެ. ރިންދާގެ ފޯނު ރަނގަބީލުވާ އަޑު އިވެއެވެ.
"ނަގާބަލަ ނަގާބަލަ ނަގާބަލަ!" ފައިސަލް މަޑުމަޑުން ބުނެލިއެވެ. "ޕްލީޒް!"
ރިންދާ ފޯނުނެގިއެވެ. އެކަމަކު ވާހަކައެއް ނުދައްކައެވެ.
"ނަސީބެއް ނެގިކަން،" ފައިސަލް ވަރަށް އުފާވެފައި ބުންޏެވެ. "އަހަރެން މިހާރު ކިތައް ފަހަރު ގުޅައިފިން؟ ކިތެއް މެސެޖު.."
ރިންދާ އިނީ ގޭގައެވެ. ތައްޔާރެއް ވެސް ނުވެއެވެ.
"ކީއްކުރަން އަހަންނަށް ގުޅަނީ؟ އަހަންނަކީ ދޮގުހަދާ މީހެއްނު. ޕޮލިހަށް ގުޅާފަ ބުނޭ އަހަރެން ބަލާ އަންނާށޭ!" ރިންދާ ހިތްހަމަނުޖެހިފައި ބުންޏެވެ. "ދެން މިހާ ދޮގުހަދާ، މަކަރުހަދާ، ނުލަފާ މީހަކަށް ގުޅާތީ ދެރައީ."
"ރިންދާ!" ވިސްނައިދޭ ކަހަލަ ރާގެއްގައި ފައިސަލް ބުންޏެވެ. "އެ ސުވާލު އެހުނުކަން އެއީ އަހަންނަށް މިހާތަނަށް ކުރެވުނު އެންމެ މޮޔަކަންތައް. ދެން އެކަމަކު ރިންދާ ބުނީ ކަމެއް ސިއްރުކޮށްގެން ނުހުންނާށޭ ވެސް. ބުނަންއޮންނަ އެއްޗެއް ނުބުނެ ނުހުންނާށޭ ވެސް. އެހީމަ ވެސް ރުޅި ތި އަންނަނީ."
"އަހަރެން ބުނީމޭ އެއްޗެއް ހިތުގަ ބާއްވައިގެން ނުހުންނާށޭ،" ރިންދާ އެއްބަސްވިއެވެ. "އަހަންނަށް ފާރަލައިގެން، އަހަރެންގެ ކުށްހޯދާށޭކޭ ނުބުނަމެއްނު! އަހަރެން ހީކުރީ ފައިސަލް އަހަންނަށް ޓްރަސްޓު ކުރާކަމަށް،" އެ ހިސާބުން ރިންދާގެ ނަފުރަތު ހިތާމައަށް ބަދަލުވިއެވެ. "ބައްޕަ އަހަންނަށް ފޯސްކޮށްގެން ހާދަ ކަމެއް ކުރުވިޔޭ! އޭގެ ލިސްޓެއް ހަދާފަ ފޮނުވަންވީތަ؟"
"އަޑުއަހާބަލަ!" ވަރަށް އޯގާތެރިކޮށް ފައިސަލް ބުންޏެވެ. "ބައްޕަ އަންނަ ދުވަސް މިހާ ކައިރިވެފަ އޮއްވާ ތިހެން ނޫޅެމާ! ރިންދާ ވެސް ސުވާލެއް އުފެދުނީމަ އަހަމެއްނު. މަ ވެސް ހަމަ އަހާލީއޭ. ރިންދާ ކޮންމެހެން އޭގެ ޑީޓެއިލް ދޭކަށް ނުވެސް ޖެހޭ."
ރިންދާ ކުޑަކޮށް ހަމަޖެހުނެވެ. ފައިސަލް ދެއްކި ވާހަކަ ގަބޫލުކުރެވުނެވެ.
"އަސްލު ވީ ގޮތަކީ، ކުރިން ބައްޕަ ދެއްކި މީހާޔާ އަހަރެން ނީނީމަ..." ރިންދާއަށް ބުނެވުނީ އެ ހިސާބަށެވެ.
"އަހަރެން ދެންމެ ކީކޭ ބުނީ؟" ފައިސަލް ބުންޏެވެ. "އެއީ އަހަރުމެންގެ ޕާސްޓު! ހިނގާ ދެން އެ ވާހަކަ ނުދައްކަމާ!"
ރިންދާގެ ރުޅިގަނޑު އެއްކޮށް މައިތިރިވިއެވެ. އެކަމަކު ބޮޑާހާކައިލިއެވެ.
"ދެން ކީއްވެތަ އާމިރާ ޑިވޯސްނުކުރަން ތި އުޅެނީ؟" ރިންދާ ބުންޏެވެ.
"އަހަރެން އެ ކަންތައް ވެސް ނިންމާނަން. އޯކޭއެއްނު!" ފައިސަލް ބުންޏެވެ. "ދެން އަވަހަށް އާދޭ! ޒިޔާން އެބައިން އިންތިޒާރުގަ."
"އޯކޭ. މި ދަނީ!" ހެމުންހެމުން ރިންދާ ބުންޏެވެ.
ރިންދާ ފޯނު ބޭއްވިއެވެ. ވިސްނާލާފައި އަނެއްކާ ވެސް ހީނލާފައި ތެދުވެގެން ގޮސް ހެދުން ބަދަލުކުރަން އަލަމާރި ހުޅުވައިލިއެވެ. ޕިއްޒާ ކާހިތުން ފިލާވަޅު ނެހެދިގެން ޒިޔާން ފޮތް ލައްޕައިލިއެވެ. ފައިސަލް ސެންޓުޖަހައިލައިގެން ނުކުތެވެ.
"މިހާރު ހަންރެޑް ޕަސަންޓް ޔަގީން ރިންތަ އަންނަނީކަން." ޒިޔާން ބުންޏެވެ.
"އެއީ ކީއްވެ؟" ފައިސަލް އެހިއެވެ.
"ޑެޑީ ތިހާ ވަރަށް ޕާފިއުމް ޖަހާނީ..." ޒިޔާނަށް ބުނެވުނީ އެ ހިސާބަށެވެ.
ގޭގެ ރަނގަބީލުޖެހި އަޑުއިވުނެވެ. ފައިސަލް ދާންއުޅެން ފެށުމުން، ފައިސަލްއަށް ވުރެ ކުރިން ޒިޔާން ދުއްވައިގަތެވެ. އަވަސް އަވަހަށް ޒިޔާން ގޮސް ދޮރު ހުޅުވާލުމާއެކު ޒިޔާންއަށް ލިބުނީ ވަރުގަދަ ޝޮކެކެވެ. މޫނުމައްޗަށް ވެރިވީ ހައިރާންކަމެވެ.
"މަންމާ؟" ޒިޔާނަށް ބުނެވުނެވެ.
-ނުނިމޭ-