ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ރިޓަޔާމެންޓް އުސޫލާ ދެކޮޅަށް އަނެއްކާ ވެސް ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ ރިޓަޔާމެންޓް އުސޫލާ ދެކޮޅަށް އަނެއްކާ ވެސް ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި

ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ރިޓަޔާވުމުގެ އުސޫލަށް ގެނައި ބަދަލާ މެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަނެއްކާ ވެސް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޕެޓިޝަން ހުށަހެޅި މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ އޮނިގަނޑުގައި 55 އަހަރުން މަތީގެ އުމުރުގެ މީހުން ހިމަނައި މަހު އިނާޔަތް ލިބޭ ގޮތަށް ރިޓަޔާވުމަށް ހަ މަސް ދުވަހުގެ ފުރުސަތު ފަހިކޮށްދީފައިވާއިރު ރިޓަޔާކުރަން ޖެހެނީ މިހާރު ލިބެމުންދާ މުސާރައިގެ ބަދަލުގައި ކުރިން ހުރި މަގާމުގައި ލިބުނު މުސާރައިން ކަމަށް ވުމެވެ.

މީގެ އިތުރުން، އޮނިގަނޑު ތަންފީޒުކުރި އިރު ވެސް ބައެއް މުވައްޒަފުންނަކީ 40 އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައި ތިބި ބަޔަކަށް ވީ ނަމަވެސް އިނާޔަތް ދޭން ވުމުން އެ މުވައްޒަފުންގެ ހިދުމަތް 30 އަހަރަށް ބަދަލުވާގޮތަށް މި އޮނިގަނޑުގައި އޮންނަ އޮތުމަކީ ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޕެޓިޝަންގައި ވެ އެވެ.

ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި އާލީ ރިޓަޔަމެންޓްގައި މީހަކު ވަޒީފާއިން ވަކިވި ނަމަވެސް މަހުންމަހަށް ކުރިން ލިބެމުން އައި އެލަވަންސް ދެން ނުލިބޭނެތީ ތައުލީމީ ނިޒާމުގައި މިހާރު ހިދުމަތް ކުރަމުންގެންދާ އެއްވެސް ޓީޗަރަކަށް ވެސް ކުރިޔެކޭ އެއްގޮތަށް މަހުންމަހަށް ލިބޭގޮތަށް އޮތް ޕެންޝަން ނުލިބޭނެ އެވެ.

މި އޮނިގަނޑުގައި ސިވިލް ސާވިސްގެ ވަކި ބަޔަކު ހިމަނައި އެ ބަޔަކަށް އެކަނި އޮނިގަނޑު ތަންފީޒުކުރަން ފެށުމަކީ ބޭއިންސާފެއް ކަމުގައި ފާހަގަކޮށް ޓީޗަރުންނަށް ކުރިން ލިބެމުން އައި ޕެންޝަން އެލަވަންސް އަނބުރާ އިއާދަ ކުރުމަށް ވަނީ ޕެޓިޝަނުގައި ގޮވާލައިފަ އެވެ.

ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވި ނަމަވެސް ޕެންޝަން ފައިސާ އާއި އެހެނިހެން ކަންކަން ވައުދާ އެއް ގޮތަށް ހިނގަމުން ނުދާ ކަމުގެ ކަންބޮޑުވުން ވެސް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ކަންބޮޑުވުން ފާޅުކޮށް މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެސް ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ. އެ ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ މާލޭގެ ސަރަހައްދުގެ ސުކޫލުތަކުގެ 500 އެއްހާ ޓީޗަރުންނެވެ. މިފަހަރު ހުށަހެޅި ޕެޓިޝަނުގައި މާލެ އާއި އަތޮޅުތެރެ ހިމެނޭޙެން 865 ޓީޗަރުން ސޮއިކޮށްފައިވެ އެވެ.