29 އޯގަސްޓް 2023 - 14:41

އިސްލާމްއާބާދު (އޯގަސްޓް 29) - ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޖަލުގެ ހުކުމް ސަސްޕެންޑްކޮށްފި އެވެ.
ބޮޑުވަޒީރުކަމުގައި އިމްރާން ހުންނެވި އިރު އެ ގައުމުގެ ސަރުކާރަށް ލިބުނު ބައެއް ހަދިޔާތައް އޭނާ ނަމަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށް ތުހުމަތުކޮށް މި މަހު ފަސްވަނަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރި އެވެ. އެކަމަކު އެ ތުހުމަތުތައް އޭނާ ދޮގު ކުރެ އެވެ.
އެ ހުކުމާ އެކު ފަސް އަހަރުވަންދެން އޭނާ އަށް އެއްވެސް އިންތިހާބެއްގައި ވާދަ ނުކުރެވޭނެ ކަމަށް ވެސް ޕާކިސްތާނުގެ އިލެކްޝަން ކޮމިޝަނުން ނިންމި އެވެ.
އިސްލާމްއާބަދު ހައިކޯޓްގެ ނިންމުމާ އެކު ވެސް އިމްރާން ޖަލުން ސަލާމަތެއް ނުވެ އެވެ. އެހެންމައްސަލައިެއްގައި ވެސް އޭނާގެ މައްޗަށް ޖަލުގެ ހުކުމެއް އެބައޮތެވެ. އިމްރާނާ ގާތް ގުޅުމެއް ބާއްވާ އަދި އޭނާގެ ޕާޓީ، ޕީޓިއައިގެ ވެސް ގާނޫނީ ޓީމުގައި މަސައްކަތް ކުރާ ނައީމް ޕަންޖޫތާ ވިދާޅުވީ، އިމްރާންގެ ގާނޫނީ ޓީމުން ކޯޓުގައި އެދުނު ގޮތަށް މައްސަލަ ނިންމާފައިވާ ކަމަށެވެ.
"ކޯޓްގެ އިސް ފަނޑިޔާރު ވަނީ އަހަރެމެންގެ އެދުނުގޮތަށް މައްސަލަ ބަލައިގަނެ އެގޮތަށް ނިންމައި ހުކުމް ސަސްޕެންޑްކޮށްފަ. އަދި ފަހުން ތަފްސީލީ ނިންމުމެއް ނިންމަވާނެ ކަމަށް ވެސް ވިދާޅުވި،" އެކްސް (ކުރިން ޓްވިޓާ) ގައި ޕަންޖޫތާ ލިޔެފައި ވެއެވެ.