ރައީސްގެ ކެމްޕެއިނު ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަނީ
ރައީސްގެ ކެމްޕެއިނު ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަނީ

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑު ކެމްޕެއިނު ޖަލްސާއެއް އަންނަ ހުކުރުދުވަހު އޮންނާނެ ކަމަށް ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވަނީ، ރައީސަށް ތާއީދުކުރާ ހުރިހާ ރައްޔިތުން މި ޖަލްސާގައި ބައިވެރިވުމަށް މާރިޔާ ވަނީ އެދިވަޑައިގެންފަ އެވެ.

ދެ ވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި ރައީސް މިހާތަނަށް ވަނީ 120 އަށް ވުރެން ގިނަ ރަށްރަށަށް ވަޑައިގެންފަ އެވެ. ކެމްޕޭންގައި މިހާރު ވެސް ހުންނެވީ ލ. އަތޮޅުގަ އެވެ. އެނބުރި ވަޑައިގެން ގދ. ތިނަދުއަށް ވަޑައިގަންނަވާ ގޮތަށް ވެސް ދަތުރެއް ވަނީ ޝެޑިއުލްކޮށްފަ އެވެ.

ރައީސްގެ ކެމްޕެއިނު ޖަލްސާ ބާއްވަން އިއުލާނުކޮށްފައި ރެއަކީ ޕީއެސްއެމްއާއި އެމްއެންޔޫ ގުޅިގެން ބާއްވާ ރިޔާސީ ބަހުސް ވެސް އޮންނަ ރެ އެވެ. ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަން އިއުލާނުކުރައްވާފައިވަނިކޮށް އެ ރޭ ޖަލްސާ ބާއްވާތީ ނޫސްވެރިއަކު ސުވާލުކުރުމުން މާރިޔާ ވިދާޅުވީ އެ ދުވަހު ޖަލްސާއެއް ބާއްވަން މާ ކުރިން ވެސް އޮތީ ތާވަލުކޮށްފައި ކަމަށާއި ޖަލްސާ ކުރިއަށް ދާނެ ކަމަށެވެ.

އެ ދުވަހު ބަހުސް ބާއްވާނަމަ ރައީސަށް ބައިވެރިވަޑައިނުގަންނެވޭތީ، ބަހުސް ރީޝެޑިއުލް ކުރެވޭތޯ އެމްއެންޔޫއާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް މާރިޔާ ވިދާޅުވި އެވެ.

".އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް އޭގައި އެހެންވެ އަޅުގަނޑުމެން އަބަދުވެސް އެދެނީ ކުރިއާލާ ތާރީހުތައް ދެއްވުމަށް،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވަނީ ބަހުސަށް ވުރެ ރައީސް އަބަދުވެސް އިސްކަން ދެއްވަނީ ރައްޔިތުންނާ ގާތަށް ވަޑައިގެން ވާހަކަ ދެއްކެވުމަށް ކަމަށް މީގެ ކުރިން ވިދާޅުވި ވާހަކަ ތަކުރާރުކުރައްވައިފަ އެވެ.