މެސީ ސޮޔާ އެކު ފައިދާ ދެގުނަވި މަޔާމީން އާ ސްޓޭޑިއަމް ހަދަން އިއުލާންކޮށްފި
މެސީ ސޮޔާ އެކު ފައިދާ ދެގުނަވި މަޔާމީން އާ ސްޓޭޑިއަމް ހަދަން އިއުލާންކޮށްފި

ފްލޮރިޑާ (އޯގަސްޓް 29) - ލިއޮނެލް މެސީ ސޮއި ކުރުވައި ކްލަބްގެ ފައިދާ ދެ ގުނަ އަށް ޖައްސާލި އިންޓަ މަޔާމީން އާ ސްޓޭޑިއަމެއް ހަދަން އިއުލާންކޮށްފި އެވެ.

މެސީ މަޔާމީ އަށް ބަދަލުވުމުން އެ ކްލަބްގެ ބްރޭންޑް ވެލިއު ވެސް ވަނީ މަތިވެފަ އެވެ. އަދި އެ ސިޓީ އަށް ވެސް އިތުރު މަގުބޫލު ކަމެއް ލިބެ އެވެ.

"ފްރީޑަމް ޕާކް" ގެ ނަން ދީފައިވާ ސްޓޭޑިއަމް 2025 ގައި ހުޅުވަން މަޔާމީން ދަނީ ތައްޔާރު ވަމުންނެވެ.

އެ ސްޓޭޑިއަމްއަކީ ހަމައެކަނި ފުޓްބޯޅަ ހާއްސަ ސްޓޭޑީއަމެއް ނޫންނެވެ. ސްޓޭޑިއަމްއާ ގުޅިފައިވާ 58 އޭކަރުގެ ޕާކެއް ވެސް ހެދުން އެ ޕްރޮޖެކްޓްގައި ހިމަނާފައި ވެއެވެ. އަދި ޒުވާނުންނާއި މުނިފޫހިފިލުވުމާ ގުޅޭ އެހެނިހެން ހަރަކާތްތައް ހިންުގުމަށް ބޭނުންވާ ވަސީލަތްތައް ވެސް އެ ސްޓޭޑިއަމްގައި ހަދާނެ އެވެ. އޭގެ ތެރޭގައި ހަމައެކަނި ސްޕޯޓްސް ކޮމްޕްލެކްސްގެ އިތުރުން ރީޓެއިލް ސްޕޭސްތަކާއި ހޮޓަލަކާއި ރެސްޓޯރެންޓްތަކާއި ފިހާރަތައް ވެސް ހިމެނެ އެވެ.

ސްޓޭޑިއަމް އިމާރާތްކުރަން ހާއްސަކޮށްފައިވާ 131 އޭކަރުގެ ސަރަހައްދުގައި އިންޖިނިއަރުންނާއި އެެހެނިހެން ޓެކްނިކަލް މަސައްކަތްތެރިން ދަނީ ހަރަކާތްތެރިވަމުންނެވެ. ކޮމިޔުނިޓީ ހަބެއްގެ ގޮތުގައި ޕްރަމޯޓްކުރަމުން އަންނަ ސްޓޭޑިއަމްގެ އިމާރާތްކުރަން ރަސްމީކޮށް ފެށުމުގެ ގޮތުން ބިންގާއެޅުމުގެ ހަރަކާތް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް އެ ބިމުގައި މިހާރު ދަނީ ކުރިއަށެވެ.