ހުޅުމާލެ ބުރިޖުން ޓޯލް ނަގަން އުޅޭ ވާހަކަ މުއިއްޒު ދޮގުކުރައްވައިފި
ހުޅުމާލެ ބުރިޖުން ޓޯލް ނަގަން އުޅޭ ވާހަކަ މުއިއްޒު ދޮގުކުރައްވައިފި

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ސިނަމާލެ ބްރިޖު ބޭނުންކުރާ މީހުން ޓޯލް ދައްކަންޖެހޭ ގޮތަށް ނިންމާފައިވާ ކަމަށް ބުނެ ފަތުރަމުންދަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވި އިރު ސިނަމާލެ ބްރިޖުން ދަތުރުކުރާއިރު ޓޯލް ދައްކަންޖެހޭ ގޮތަށް ނިންމާފައިވާ ނިންމުން، މުއިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ އިޔާދަކުރައްވާނެ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދަނީ ބުނަމުންނެވެ.

"ދޮގު ބުހުތާނު ވާހަކަތައް ފެތުރުމަކީ ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލެއް،" ނަމަވެސް އެ ވާހަކަ ދޮގުކުރައްވައި ކުރެއްވި ޓްވީޓެއްގައި މުއިއްޒު ވިދާޅުވި އެވެ.

ޔާމީންގެ ސަރުކާރުގައި ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރަމުންދިޔައިރު، ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ޓޯލް އެއް ނުވަތަ ފީ އެއް ނަގަން އޮތީ ނިންމައިފަ އެވެ.

ޓޯލް ނިޒާމު ޑިޒައިން ކުރަން ބްރިޖު އެޅި ޗައިނާގެ ކުންފުންޏާ ހަވާލުކުރި ކަން ނޮވެމްބަރު 2016 ގައި ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު އިއުލާނު ވެސް ކުރެއްވި އެވެ. އެކަމަކު 2018 ގައި އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ޓޯލް ނެގުމުގެ ވާހަކަ ފަހުން ނުދައްކަ އެވެ.