ބޮޑު ޕާޓީތައް ބޮޑުވީ ވެރިކަމަށް އައިސް ނުފޫޒުން: ގާސިމް
ބޮޑު ޕާޓީތައް ބޮޑުވީ ވެރިކަމަށް އައިސް ނުފޫޒުން: ގާސިމް

ރާއްޖޭގެ އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމް "ބޮޑުވީ" ވެރިކަން ލިބުމަށް ފަހު، ދައުލަތުގެ ވަސީލަތްތަކާއި ބާރުތައް ނުފޫޒުން ބޭނުންކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ތުހުމަތު ކުރައްވައިފި އެވެ.

ބޮޑު ޕާޓީތައް ބޮޑުވީ ވެރިކަމަށް އައިސް ނުފޫޒުން: ގާސިމް
ބޮޑު ޕާޓީތައް ބޮޑުވީ ވެރިކަމަށް އައިސް ނުފޫޒުން: ގާސިމް

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އދ. ބޮޑުފުޅަދު އަށް އިއްޔެ ވަޑައިގެން ގާސިމް ވިދާޅުވީ، އެމްޑީޕީ އަށް ދެ ފަހަރު އަދި ޕީޕީއެމަށް އެއް ފަހަރު ވެރިކަން ހޯދައި ދެއްވީ އޭނާގެ ބޮޑު ބައިވެރިވުމަކާ އެކު ކަމަށެވެ.

ވެރިކަމަށް އައުމުގެ ކުރިން އެއީ ވެސް "ކުޑަ" ޕާޓީތަކެއް ކަމަށާއި "ބޮޑުވީ" ވެރިކަމަށް އައުމަށް ފަހު ދައުލަތުގެ ނުފޫޒު ބޭނުންކޮށްގެން ޕާޓީއަށް މެމްބަރުން ވައްދައިގެން ކަމަށް ގާސިމް ތުހުމަތު ކުރެއްވި އެވެ.

"ބޮޑު ޕާޓީއަކަށް އެ ދެ ޕާޓީ ވެފައި އޮތީ ވެސް އަޅުގަނޑު އެކަން ކޮށްދިނީމާ. ލަދުގަތަސް، ދެރަވިޔަސް ހަގީގަތް ވާނީ ހަމަ ހަގީގަތަށް،" ޕާޓީ އަށް ވަންނަން ޝަރުތުކޮށް ލޯނު ދިނުމާއި އާސަންދަ ފަދަ ހިދުމަތްތައް ދިން ކަމަށް ތުހުމަތު ކުރައްވައި ގާސިމް ވިދާޅުވި އެވެ.

"... އެ ގޮތަށް ދަމުން ދަމުން ގޮސް ބޮޑު ޕާޓީއަކަށްވީ. ނުފޫޒުގެ ބޭނުންކޮށްގެން ނާޖާއިޒު ގޮތެއްގައި މީހުން [ޕާޓީއަށް] ވެއްދީ."

މީގެ 10 ދުވަސް ފަހުން ރައްޔިތުން ވޯޓުލާ އިރު، "ކުޑަ ޕާޓީ، ބޮޑު ޕާޓީ" އަށް ނުބަލަންވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ރައްޔިތުން ވިސްނަންވީ، ގާސިމް ވިދާޅުވި ގޮތުގައި ގައުމަށާއި ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު ހިދުމަތްކޮށްދޭނެ މީހަކަށް ވޯޓު ދިނުމަށެވެ.

ގާސިމް ވަނީ ރާއްޖޭން ބޭރުގައި ތައުލީމު ހާސިލްކުރާ ދިވެހި ދަރިވަރުންނަށް ޑޮލަރު ހޯދުމުގައި މިހާރު ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދިވެހި ފައިސާ ދެއްކުމުން ޑޮލަރު ލިބެ އެވެ.

"އެހެންވީމާ ކުރީގައި ކަން ކުރަމުން އައި ގޮތަށް، ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ޓިއުޝަން ފީ އާއި ލިވިން އެލަވަންސް ބީއެމްއެލް މެދުވެރިކޮށް ދިވެހި ރުފިޔާ އިން ދެއްކޭނޭ ގޮތް ހަމަޖައްސައިދޭނަން އަޅުގަނޑުގެ ވެރިކަމެއްގައި،" ގާސިމް ވިދާޅުވި އެވެ.

ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށް އޭޓީއެމް ކާޑު ބޭނުންކޮށްގެން މަހަކު 1،000 ޑޮލަރު ނެގޭނެ ގޮތް ވެސް އޭނާގެ ވެރިކަމެއްގއި ހަދައިދެއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.