29 އޯގަސްޓް 2023 - 11:49

ލ. މާބައިދޫން ފުރަތަމަ ފަހަރަށް އެމްޑީޕީ އަށް ބޮޑު ތާއީދެއް ލިބޭނެ ކަމުގެ އުންމީދު މި އިންތިހާބުގައި ވަރަށް ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް އެ ރަށަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީން އިސްލާހީ ހަރަކާތްތައް ފަށައިގަތް އިރު މައިބާދުއަކީ ވިސްނުން އެއްގޮތް ރަށެއް ނޫން ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާ ވަރަށް ގާތް ގުޅުމެއް ބާއްވާ ރަށެއް ކަމަށެވެ.

އެހެން ނަމަވެސް އިސްލާހީ ހަރަކާތްތައް ކުރިޔަށް ގެންދިޔަ ވަރަކަށް މާބައިދޫން ވެސް މަޑުމަޑުން ބަދަލުވަމުން އައިސް މިހާރު އަރާ ހަމަކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި އިރާދަކުރެއްވިއްޔާ ފުރަތަމަ ފަހަރަށް މައިބާދޫން މެޖޯރިޓީ ވޯޓް ކަށަވަރު ވާނެ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މިދިޔަ މާބައިދޫން އެމްޑީޕީ ބަލިވީ 20 ވޯޓުގެ ތަފާތުންނެވެ. އެއީ ވަރަށް ކައިރިން ގެއްލުނު ފަހަރެއް ކަމަށާއި އެހެންވެ މި ފަހަރު ވަރަށް ފަރުވާތެރިކަމާއެކު އެންމެ ވޯޓު އަޅައި މެޖޯރިޓީ ނަގަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮންމެ ބޭފުޅަކު ވެސް ފަރުވާތެރިކަމާއެކު ވޯޓުލުމަކީ އެންމެ މުހިންމު ކަންކަން. އެހެން ނޫނީ މި ހުރިހާ ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ބަދަލުވެދާނެ،" ރައީސް ވިދާޅުވި އެވެ.
މިދިޔަ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން މި ދާއިރާގެ އިންތިހާބު ކާމިޔާބު ކުރި ނަމަވެސް ސިޔާސީ ވިސްނުމަށް ބަލައި ރަށަށް ތަފާތު ކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަން މިއަދު ރަށުން ފެންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު މިހާތަނަށް ދަތުރު ކުރެއްވި ހުރިހާ ރަށަކުން ވެސް ފެންނަނީ މިފަދަ މަންޒަރެއް ކަމަށާއި މި ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
- ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލު ކުރުން
- ތާރު އެޅުން
- މަލްޓި ޕާޕަސް ހޯލް
- ގިރާ ސަރަހައްދު ހިމާޔަތް ކުރުން
- މޫދަށް އެރޭ ސަރަހައްދެއް ހެދުން
- ޖިމް އަކާއި ޔޫތު ސެންޓަރެއް އެޅުން