29 އޯގަސްޓް 2023 - 09:49

ކޯރަމް ހަމަނުވެގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނުބޭއްވި ނިންމާލައިފި އެވެ.
މަޖިލީހުގައި 87 މެމްބަރުން ތިއްބަވާއިރު، ކޯރަމް ހަމަވާން ބޭނުންވާ 22 މެމްބަރުން މާލަމުގައި ނެތިގެން އިއްޔެގެ ޖަލްސާ ވެސް ކެންސަލްކުރި އެވެ.
މިއަދުގެ ޖަލްސާ ފަށަން ވެސް ކޯރަމް ހަމަވާ ވަރަށް މެމްބަރުން ނެތް ކަމަށް ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް އިއުލާން ކުރެއްވި އެވެ.
އެ އަށް ފަހު، ކޯރަމް ހަމަވޭތޯ ބަލަން އިތުރު ބައިގަޑިއިރު ދިނުމަށް ނިންމައި އަފީފް ޖަލްސާ މެދުކަނޑާލެއްވި އެވެ. އެކަމަކު އެ ވަގުތަށް ފަހު ވެސް ޖަލްސާ އަށް ވަޑައިގެން ތިއްބެވީ އެންމެ 10 މެމްބަރުން ކަމަށް އަފީފް ވިދާޅުވި އެވެ.
"...ވަރަށް ދެރަ ކަމެއް މިހެން ވާން ވެއްޖެއްޔާ. މަޖިލީހުގެ މަސައްކަތްތަކަށް ހުރިހާ މެމްބަރުން ވެސް އިސްކަން ދެއްވަންޖެހޭ. އެކަމަކު ކޯރަމް ހަމަވާ ވަރަށް މެމްބަރުން ވަޑައިގެން ނެތީމާ ޖަލްސާ ކުރިއަށް ގެންދެވެން ނެތީ،" އަފީފް ވިދާޅުވި އެވެ.
އިއްޔެ އެކޭ އެއްގޮތަށް، މިއަދުގެ ޖަލްސާއަށް ވެސް އެޖެންޑާކޮށްފައި އޮތީ ދިގުލައިގެން ގޮސްފައިވާ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން އައްޔަނުކުރުމުގެ މަސައްކަތެވެ.
އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މަޖިލިހުގެ ގިނަ މެމްބަރުން ވެސް އުޅުއްވަނީ އެކި ރަށްރަށުގަ އެވެ.
މަޖިލިހުގެ ދެވަނަ ދައުރަށް ފަހު މެމްބަރުން ޗުއްޓީގައި ތިއްބަވަނިކޮށް، އެމްޑީޕީން އެދިގެން ދައުރުން ބޭރުން މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ދާއިމީ ކޮމިޓީތަކަށް ގެނައި ބަދަލު ފާސްކޮށްފައިވީ ނަމަވެސް ޑިމޮކްރެޓްސް ޕާޓީ އުފެއްދުމާ އެކު، އެ މަސައްކަތް އަލުން ކުރަން ޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ 15 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގެން، ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވީ ނަމަވެސް، މިދިޔަ ހޯމަ ދުވަހުގެ ޖަލްސާގައި ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ދަފްތަރުވާން ހުށަހަޅުއްވާފައި ވަނީ އޭގެ ތެރެއިން އެންމެ ތިން މެމްބަރުންނެވެ. ހޯމަ ދުވަހުގެ ޖަލްސާ އާއި ވިދިގެން އައި އަންގާރަ ދުވަހުގެ ޖަލްސާގައި ވެސް ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އެޖެންޑާ ކުރިޔަސް، ސަރުކާރާއި އިދިކޮޅު މެމްބަރުންނާ ދެމެދު ޒުވާބު ކުރުމާއި ތުހުމަތު ބަދަލުކުރުމުގެ ތެރޭގައި އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
އެއާ އެކު އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވި މެމްބަރުން އެ ޕާޓީގައި ދަފްތަރުކޮށް، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ޑިމޮކްރެޓްސް ތަމްސީލް ވާނެ ގޮތުގެ މަޝްވަރާ ކުރުމަށް ވަގުތު ދޭން މިދިޔަ ބުދަ ދުވަހު ޖަލްސާއެއް ތާވަލް ކޮށްފައެއް ނުވެ އެވެ.
ކޯރަމް ހަމަނުވެގެން ވިދިވިދިގެން ދެ ޖަލްސާ ނުބޭއްވުނު އިރު، ގިނަ މެމްބަރުން ގެންދަވަނީ އަންނަ މަހުގެ ނުވަ އެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓުގެ ކެމްޕޭނުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.