މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވޭނީ ރައްޔިތުންނަށް މިނިވަންކަން ލިބިގެން: ރައީސް
މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވޭނީ ރައްޔިތުންނަށް މިނިވަންކަން ލިބިގެން: ރައީސް

ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވޭނީ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި މިނިވަންކަން ގާއިމު ކޮަށްގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވޭނީ ރައްޔިތުންނަށް މިނިވަންކަން ލިބިގެން: ރައީސް
މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވޭނީ ރައްޔިތުންނަށް މިނިވަންކަން ލިބިގެން: ރައީސް

ރިޔާސީ ކެމްޕެއިނަށް ލ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި މުންޑޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބާއްވަން ޖެހޭ ކަމަށް ކޮންމެ ސިޔާސީ ބޭފުޅަކު ވެސް ވިދާޅުވަމުން އަންނަ ކަމަށެވެ.

"ތެދެއް، އަޅުގަނޑުމެން އެންމެން ވެސް ބޭނުން ވަނީ ދިވެހިރާއްޖެ އަކީ މިނިވަން ގައުމެއްގެ ގޮތުގައި ތާ އަބަދަށް ދެމިއޮންނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެކަމަށްޓަކައި ބައެއް ކަންކަން ކުރަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. ގައުމެއް، ގައުމެއްގެ ގޮތުގައި އޮންނަނީ އެ ތަނުގައި ބަޔަކު ދިރިއުޅޭތީ ކަމަށާއި އެހެންވެ ފުރަތަމަ ކަމަކަށް ރައްޔިތުންނަކީ މިނިވަންކަމާ އެކީ ހަމަހަމަކޮށް ދިރިއުޅެވޭ ބަޔަކަށް ވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މިނިވަން ދައުލަތެއް ބާއްވަން ބޭނުން ނަމަ ދައުލަތަކުން އެންމެ އިސްކަމެއް ދޭން ޖެހޭނީ ރައްޔިތުންނަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ މިނިވަންކަމާ އެކީ ދިރިއުޅުމާއި އެއްވެސް މަޖުބޫރު ކަމެއް ނެތި އެ ބަޔަކު ދިރިއުޅެން ބޭނުންވާ ރަށެއްގައި ދިރިއުޅުމުގެ ފުރުސަތު ދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އަޑަށް ބާރުލާފަ ބުނެވިދާނެ ބޭނުން ވަނީ މި ރާއްޖެއަކީ މިނިވަން ގައުމެއްގެ ގޮތުގައި ބާއްވަންށޭ. އެކަން ކުރެވޭނީ މި ދެންނެވި ކަންތައްތައް ކޮށްގެން. ހިތުގެ އަޑިން މިކަން ގަބޫލު ކޮށްގެން،" ރައީސް ވިދާޅުވި އެވެ.

އެހެން ގައުމުތަކުގައި އެތެރޭގެ ދާހިލީ ހަނގުރާމަތައް ފެށެނީ ވެސް ރައްޔިތުންނަށް ތަފާތު ކުރާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖެއަކީ އެއް ނަސްލެއް އެއް ދީނަކަށް އަމަލު ކުރާ ގައުމަކަށް ވާތީ އެފަދަ މައްސަލައެއް ދިމާނުވާ ކަމަށާއި ނަމަވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރުތަކުން ތަފާތު ކޮށްފައި އެބަހުރި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެކަން ނައްތާލަން އަޅުގަނޑުމެން މި އުޅެނީ. އިރާދަކުރެއްވިއްޔާ މުންޑޫ އިން މި ފެންނަނީ އެ މަންޒަރު،" ރައީސް ވިދާޅުވި އެވެ.

މުންޑޫ އަކީ ހަނަފަސް ރަށެއްގެ ގޮތުގައި އޮތް ތަނެއް ކަމަށާއި މީހުން ދިރިއުޅުނަސް އެއްވެސް ހިދުމަތްތަކެއް ސަރުކާރުން ދީފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަކު، މިދިޔަ ފަސް އަހަރު ކަންކަން ކޮށްދީފައިވާ ކަމަށާއި މުންޑޫ އިން މި ފެންނަނީ އެ މަންޒަރު ކަމަށް ރައީސް ވިދާޅުވި އެވެ.

ގާތްގަނޑަކަށް 140 މީހުން ދިރިއުޅޭ މުންޑޫގައި ރައީސަށް މަރުހަބާ ކިޔުމަށް އޭގެ ގިނަ ބަޔަކު ނުކުމެ ހުއްޓެވެ. ރައީސް ވަނީ ރަށުގެ ގާތްގަނޑަށް އެންމެން ކަހަލަ ގޮތަކަށް ނުކުމެ އެ މަނިކުފާނަށް ތާއީދު ކުރައްވާތީ ޝުކުރު ދަންނަވާފަ އެވެ.

- ބަނދަރު ފުންކޮށް ތަރައްގީ ކުރުން

- ފުޓުބޯޅަ ދަނޑެއް އެޅުން

- ވޮލީ ކޯޓެއް އެޅުން

- ބޯހިޔާވެހި ކަމުގެ މައްސަލަ އަށް ހައްލެއް ގެނައުން