29 އޯގަސްޓް 2023 - 08:27

އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކި ކުލައެއްގެ ގަލަމުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް އަންގައި، ވޯޓުގެ ސިއްރުކަން ގެއްލުވައިލަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ޝަކުވާ ހުށަހަޅައިފި އެވެ.
އިންތިހާބަށް ބާކީ 10 ދުވަސް އޮތް އިރު، އެ ޕާޓީން އީސީ އަށް ފޮނުވި ސިޓީއެއްގައި ބުނީ، އިންތިހާބުގައި ވާދަކުރާ ބައެއް ކެންޑިޑޭޓުންގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ.
އަންނަ މަހުގެ 9 ގައި ލާ ވޯޓުގެ ސިއްރުކަން ގެއްލޭ ފަދަ އަމަލުތައް ސަރުކާރުގެ ކުންފުނިތައް މެދުވެރިވެގެން ކުރަން އުޅޭ ކަމުގެ ޝަކުވާ އެ ޕާޓީ އަށް ލިބިފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އެމްއެންޕީން ބުންޏެވެ.
"އެގޮތުން، އެ ކުންފުނިތަކުގެ އިސްވެރިން އެދޭ ގޮތަށް ވަކި ކުލައެއްގެ މާކަރަކުން ނުވަތަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ އެ ކުންފުނިތަކުގެ މުވައްޒަފުން އަންނަނީ ކުރަމުންނެވެ،" އެ ސިޓީގައި ބުންޏެވެ.
މިއީ އެމްއެންޕީން ބުނި ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ އަމަލެކެވެ. އެހެންވެ، މިއީ ނުރަނގަޅު ނުފޫޒެއް ނެތި، މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަން ކަށަވަރުކުރުމަށްޓަކައި، މި ކަންކަމާ މެދު މަޝްވަރާކުރަން ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް އެމްއެންޕީން ވަނީ އީސީގެ ކިބައިން އެދިފައި އެވެ.
ވޯޓުގެ ސިއްރުކަން ގެއްލުވައިލަން އުޅޭ ކަމުގެ ތުހުމަތު އެމްއެންޕީން ކުރި އިރު، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެމްއެންޕީން ބުނީ، ބައެއް ކެންޑިޑޭޓުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރަމުންދާއިރު، ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކާއި ސިޓީ ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ ތަންތަނުގެ ވަސީލަތްތައް ބޭނުންކުރުމަކީ ގާނޫނުއަސާސީގައި ބުނާ މިނިވަން، އިންސާފުވެރި އަދި ހަމަހަމަ އިންތިހާބެއް ބާއްވަން އެޅިފައިވާ ހުރަހެއް ކަމަށެވެ.