28 އޯގަސްޓް 2023 - 22:41

މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ މިކްސް ޑަބަލްސްގައި، ރާއްޖޭގެ މޫސާ މުންސިފް އަހުމަދާއި އާއިޝަތު ރާފާ ނާޒިމްގެ ޕެއާއިން ރަން މެޑަލް ހޯދައިފި އެވެ.

މިއީ ޓީޓީގެ ތާރީހުގައި އިންޓަނޭޝަނަލް ގޭމްސް އަކުން ރާއްޖެއިން މިކްސް ޑަބަލްސް ކެޓަގަރީން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ.

ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއީލް ވަނީ ބްރޯންްޒް މެޑަލް ހޯދައިފަ އެވެ. ރަފާ އާއި މުންސިފްގެ ޕެއާ ފައިނަލަށް ދަތުރު ކުރީ ސެމީގައި ޝައްފާނާއި ދީމާގެ ޕެއާ ބަލިކޮށްފަ އެވެ.
އެ ޕެއާގެ މައްޗަށް މުންސިފާއި ރަފާގެ ޕެއާ ކާމިޔާބު ހޯދީ 3-1 ސެޓުންނެވެ.
ފުރަތަމަ ސެޓް 11-9 ން މަޑަގަސްކަރާގެ ޕެއާ ކާމިޔާބު ކުރި އެވެ. ދެން އަނެއް ތިން ސެޓް ރަފާ އާއި މުންސިފް އިތުބާރާ އެކު ގެންދިޔަ އެވެ. އެ ސެޓްތައް އެ ދެ ކުޅުންތެރިން ހޯދީ 11-8، 11-7 އަދި 11-5 ންނެވެ.
ޓީޓީ ޓީމު އިވެންޓްތަކުން ރާއްޖޭގެ އަންހެން ޓީމުން އިއްޔެ ވަނީ ރަން މެޑަލް ދިފާއުކޮށްފަ އެވެ. އެންމެ ފަހުން 2019 ގައި ބޭއްވި ގޭމްސްގައި ވެސް ޓީމު އިވެންޓުން އަންހެން ޓީމުން ރަން މެޑަލް ހޯދި އެވެ.
އަދި ފިރިހެން ޓީމުން ވަނީ 44 އަހަރުތެރޭ ފުރަތަމަ ފަހަރަށް ފައިނަލަށް ދަތުރުކޮށްފަ އެވެ. ފިރިހެން ޓީމުން ހޯދި ރިހި މެޑަލާ އެކު އެ ޓީމުން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އެންމެ ފުރަތަމަ މުބާރާތުގައި ބްރޯންޒް މެޑަލް ހޯދައިގެން އޭރުގެ ފިރިހެން ޓީމުން ހެދި ރެކޯޑް މުގުރާލައިފަ އެވެ.