28 އޯގަސްޓް 2023 - 21:08

އަންނަ މަހު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ޑިޖިޓަލް އައިޑީ ކާޑު ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރެވޭނެ ރަސްމީ ލިޔެކިޔުންތައް ލިސްޓުކުރައްވާފައިވެ އެވެ. އެއީ؛
• މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
• މުއްދަތު ހަމަނުވާ ދިވެހި ޕާސްޕޯޓު
• މުއްދަތު ހަމަނުވާ ޕާސްޕޯޓު ކާޑު
• މުއްދަތު ހަމަނުވާ ޑްރައިވިން ލައިސަންސް
"މި ހަތަރު ޑޮކިއުމަންޓުން ކުރެ، ކޮންމެވެސް އެއް ޑޮކިއުމަންޓެއްގެ އަސްލު. މި ނޫން އެހެން އެއްވެސް އެއްޗެއް، ވޯޓުލާ މަރުކަޒުން ގަބޫލު ނުކުރާނެ،" ހަބީބް ވިދާޅުވެފައިވެ އެވެ.
ހަބީބު ވަނީ މި ޑޮކިއުމަންޓްތަކުގެ މުއްދަތު ހަމަވެފައިވާ ނަމަ، އަވަހަށް އާ ކުރުމަށް އެދިވަޑައިގެންފަ އެވެ.
ސަރުކާރުން ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރީ މިދިޔަ މެއި މަހެވެ. ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން މިހާރު އެކި ހިދުމަތްތައް ލިބެ އެވެ. ހޮސްޕިޓަލުތަކުން ދޭ ހިދުމަތްތައް ހޯދުމަށާއި ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ވެސް މިހާރު ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރެވެ އެވެ.