28 އޯގަސްޓް 2023 - 19:30

ހެލްތުގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މަގާމުން އިސްތިއުފާދެއްވައި ޑިމޮކްރެޓްސް އަށް މިއަދު ސޮއިކުރައްވައިފި އެވެ.
ޝާހު ސްޓޭޓް މިނިސްޓަރަކަށް ހުންނެވީ ސަރުކާރުގެ ކޯލިޝަންގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދިން ސްލޮޓެއްގަ އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ މިއަދު ވަނީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ.
އެ ސިޓީގައި ޝާހު ވިދާޅުވި ގޮތުގައި، ސްޓޭޓް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަން ނިންމެވީ މި ވަގުތު އޭނާގެ ވިސްނުމާއި ފިކުރު، ޖޭޕީގެ ސިޔާސީ ވިސްނުމާ ތަފާތުވެ، އެ ޕާޓީން ވެސް އޭނާ އިސްތިއުފާ ދެއްވަން ނިންމަވާފައި ވާތީ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުގައި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާއަށް ހިދުމަތްކުރުމަށް ކުރެއްވި މަސައްކަތުގައި އޭނާގެ ފަންނީ ލަފަޔާއި އިރުޝާދުގެ ދަށުން އާންމުންނަށް މަންފާކުރާނެ ސިޔާސަތުތައް ކުރިއެރުވުމަށް ފުރުސަތު ނުދިން ކަމަށް ވެސް ޝާހު އެ ސިޓީގައި ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް ރައީސްއާ ބައްދަލުކުރައްވައި ވާހަކަދެއްކެވުމުން ވެސް ކުރިމަގެއް ފެނިވަޑައިނުގަތް ކަމަށެވެ.
މަގާމުން އިސްތުފާ ދެއްވުމަށް ފަހު ޝާހު ވަނީ ޑިމޮކްރެޓްސް އަށް ސޮއިކުރައްވައި، އެ ޕާޓީ އުފެއްދުވުމުގައި އިސްކޮށް ހުންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ފޯމު ހަވާލުކުރައްވައިފަ އެވެ.