އެމެރިކާ-ރާއްޖެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ: ސެނެޓާ ވެންހެލެން
އެމެރިކާ-ރާއްޖެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ: ސެނެޓާ ވެންހެލެން

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވައި، ރާއްޖެއަށް ސަފީރެއް ކަނޑައެޅުމަކީ ދެ ގައުމުގެ މެދުގައި އޮތް ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ މެދުވެރިއަކަށް ވާނެ ކަމަށް އެމެރިކާގެ މެރީލަންޑްގެ ސެނެޓާ ކްރިސް ވެންހޮލަން މިއަދު ވިދާޅުވެއްޖެ އެވެ.

އެމެރިކާ-ރާއްޖެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ: ސެނެޓާ ވެންހެލެން
އެމެރިކާ-ރާއްޖެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ: ސެނެޓާ ވެންހެލެން

އެމެރިކާގެ ސެނެޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި މިއަދު މީޑިއާތަކާ ބައްދަލުކުރައްވައި ވެންހޮލަން ވިދާޅުވީ އެމެރިކާގައި މިވަގުތު ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ތާއީދާ އެކު، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަކީ ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރި ގުޅުން ވަރުގަދަކުރަން ދޭ އިސްކަމުގެ ހެއްކެއް ކަމަށެވެ.

މިދިޔަ ސަރުކާރުގައި ޑިމޮކްރަސީ އާ ހިލާފު އަމަލުތައް ކުށްވެރިކޮށް އެމެރިކާ ސަރުކާރުން ބަޔާންތައް ނެރުނު ނަމަވެސް، މިހާރު އެކަން މަޑުޖެހިފައިވާކަން ފާހަގަކުރުމުން، ވެންހަލަން ވިދާޅުވި ގޮތުގައި ރާއްޖެއަށް ސަފީރަކު ކަނޑައެޅުމަކީ، އެފަދަ ކަންކަމުގައި އަވަހަށް އެއްޗެއް ބުނުމުގެ މަގުފަހިގެންދާނެ ކަމެކެވެ.

"ރާއްޖެއަށް ހާއްސަ ސަފީރަކު އައްޔަންކުރުމަކީ މައިގަނޑު އެއް ފައިދާ އަކީ، އެކަހަލަ ކަންކަމުގައި އެމެރިކާ ސަރުކާރަށް އަވަހަށް އެއްޗެއް ބުނުމުގެ މަގު ފަހިވެގެން ދާނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.

މެރިޓައިމް ސެކިޔުރިޓީ އާއި މޫސުމީ ބަދަލުތައް ފަދަ ރާއްޖެއަށް މުހިންމު ދާއިރާތަކުން އެމެރިކާއިން މިހާރު ވެސް ގިނަ އެހީތައް ދެމުންދާކަން ފާހަގަކުރައްވައި ވެންހަލަން ވިދާޅުވީ ރާއްޖެއަށް އެމެރިކާގެ ސަފީރަކު އައްޔަނުކުރުމުން އެފަދަ ދާއިރާތަކުން ފޯރުކޮށްދޭ އެހީތެރިކަން ވެސް ފުޅާކުރެވޭނެ ކަމަށެވެ.

މީގެއިތުރުން، ދެ ގައުމުގެ މެދުގައި އޮތް އިގުތިސޯދީ އަދި ވިޔަފާރީގެ ގުޅުން ފުޅާކުރުމަކީ ވެސް އެމެރިކާ ސަރުކާރުން އިސްކަން ދޭނެ ދާއިރާއެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވިޔަފާރި އާއި އިގުތިސާދީ ގުޅުން ފުޅާކުރަން ރާއްޖޭން ހުށަހަޅައި އާ ހިޔާލުތަކަށް އެމެރިކާ އިން އަބަދުވެސް މަރުހަބާ ކިޔާނެ،" ރާއްޖޭން އީޔޫގެ ގައުމުތަކަށް ބޭރުކުރާ މަހުން ނަގާ ޑިޔުޓީ ކުޑަކުރަން ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ވެންހަލަން ވިދާޅުވި އެވެ.

ދިވެހި ދަރިވަރުންނަށް އެމެރިކާގެ ޔުނިވާސިޓީތަކުން އިތުރު ފުރުސަތުތައް ހޯދައި ދިނުމަކީ ވެސް ފުޅާކުރަން ބޭނުންވާ އަނެއް ދާއިރާ ކަމަށް ވެސް ވިދާޅުވި އެވެ.

ސެނެޓަރު ވެންހަލަން ރާއްޖެއަށް މީގެކުރިން ޒިޔާރަތްކުރެއްވީ މީގެ 50 ވަރަކަށް އަހަރު ކުރިންނެވެ. އޭނާ އޭރު ރާއްޖެއަށް ވަޑައިގެންނެވީ ބައްޕާފުޅު ކްރިސް ވެންހަލަން ސީނިއާ ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރަން ކުރެއްވި ދަތުރުގައި އެވެ.

ވެންހަލަން ރާއްޖެއަށް ކުރެއްވި ދަތުރުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާ ވަނީ ބައްދަލުކުރައްވައިފަ އެވެ.