އަށް އަހަރަށް ފަހު ފިރިހެން ބެޑްމިންޓަން ޓީމު ފައިނަލަށް
އަށް އަހަރަށް ފަހު ފިރިހެން ބެޑްމިންޓަން ޓީމު ފައިނަލަށް

ރާއްޖޭގެ ފިރިހެން ގައުމީ ބެޑްމިންޓަން ޓީމު، އަށް އަހަރަށް ފަހު އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓީމް އިވެންޓުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އެންމެ ފަހުން ފިރިހެން ޓީމް އިވެންޓުން ފައިނަލްގައި ވާދަކޮށް ރިހި މެޑަލް ހޯދީ 2015 ވަނަ އަހަރެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ ފިރިހެން ޓީމް އިވެންޓުން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

ފިރިހެން ބެޑްމިންޓަން ޓީމު މިއަހަރުގެ ފައިނަލަށް ދަތުރު ކުރީ މިއަދު ކުޅުނު ސެމީފައިނަލްގައި ސީދާ ތިން ގޭމުން ރީޔޫނިއަން ބަލިކޮށްފަ އެވެ.

މިއަދުގެ ފުރަތަމަ ގޭމުގައި ޒަޔާން ޒަކީ ވަނީ 21-15، 21-8 އިން މޮޅުވެފަ އެވެ. އަހުމަދު ނިބާލް ދެވަނަ ގޭމް ކާމިޔާބުކުރީ 18-21، 21-14، 21-10 އިންނެވެ. މުހައްމަދު އަޖުފާން ރަޝީދު ފަހު ގޭމް ކާމިޔާބުކުރީ 21-12، 21-15 އިންނެވެ.

ފިރިހެން ބެޑްމިންޓަން ޓީމް އިވެންޓުގެ ފައިނަލްގައި ރާއްޖޭގެ ޓީމު މާދަމާ ނުކުންނާނީ މޮރީޝަސްއާ ދެކޮޅަށެވެ.