28 އޯގަސްޓް 2023 - 15:14

މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ބެޑްމިންޓަން އަންހެނުންގެ ޓީމް އިވެންޓުން ރާއްޖޭން ރިހި މެޑަލް ހޯދައިފި އެވެ.

މިއީ ރާއްޖޭން ބެޑްމިންޓަންގެ އަންހެން ޓީމް އިވެންޓުން ރިހި މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2015 އާއި 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި އަންހެނުންގެ ޓީމު އިވެންޓުން ވަނީ ބްރޯންޒް މެޑަލް ހާސިލްކޮށްފަ އެވެ.
އަންހެން ޓީމު ރިހި މެޑަލް ހޯދީ ކުރީ ލީގު އުސޫލުން ކުރިއަށް ގެންދިޔަ އިވެންޓުގެ ފަހު މެޗުގައި ސީދާ ފަސް ގޭމުން މަޔޯޓް ބަލިކޮށްގެންނެވެ.
މިއަހަރުގެ އިވެންޓުގައި ރާއްޖޭގެ ޓީމް ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބު ކޮށްފަ އެވެ. ބަލިވީ ޗެމްޕިއަންކަން ހޯދި މޮރީޝަސްއާ އިއްޔެ ކުޅުނު މެޗުން 3-2 އިންނެވެ.
އިއްޔެ ފަހުން މޮރީޝަސްއާ ދެކޮޅަށް ކުޅުނު މެޗުތެރޭން ރާއްޖޭގެ މައިސާ ފަތުހުﷲ އަށް އަނިޔާވުމާ ގުޅިގެން، މިއަދުގެ މެޗުގައި އޭނާ ނުކުޅެ އެވެ. މައިސާ އާއި އޭނާގެ ޑަބަލްސް ޕާޓްނަރު އައިޝަތު އަފްނާން ރަޝީދުގެ ބަދަލުގައި މިއަދުގެ މެޗުގައި ކުޅުނީ އާމިނަތު ޝަހުރުނާޒް މޫސާ އާއި ޝުބާ މުހައްމަދު ޝަރީފް އެވެ.
މަޔޯޓްއާ ދެކޮޅަށް ފާތިމަތު ނަބާހާގެ ސިންގަލްސް 21-16، 21-6 އިން ކާމިޔާބު ކުރިއިރު އާމިނަތު ނަބީހާ ވަނީ 21-4، 21-4 އިން މޮޅުވެފަ އެވެ. ޝަހުރުނާޒް މޮޅުވީ 21-8، 21-6 އިންނެވެ. ނަބާހާ އާއި ނަބީހާގެ ޑަބަލްސް 21-6، 21-17 އިން ކާމިޔާބު ކުރިއިރު ޝަހުރުނާޒް އާއި ޝުބާގެ ޕެއާ މޮޅުވީ 21-10، 21-17 އިންނެވެ.