ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ސެމީގެ ފަހު ޖާގައަށް ކުރުނބާ އަދި ޖުމޭރާގެ ކުރިމަތިލުމެއް
ޓެކާސް ރިސޯޓް ފުޓްސަލް ކަޕް: ސެމީގެ ފަހު ޖާގައަށް ކުރުނބާ އަދި ޖުމޭރާގެ ކުރިމަތިލުމެއް

ޓެކާސް އިން ބާއްވާ ރިސޯޓް ފުޓްސަލް ކަޕްގެ ސެމީ ފައިނަލްގެ ފަހު ޖާގަ ހޯދަން، މާލެ އަތޮޅު އުތުރުގެ ރިސޯޓްތައް ބައިވެރިވާ "ނޯތު ކާފް" މުބާރާތުގެ ފައިނަލްގައި ކުރުނބާ މޯލްޑިވްސް އާއި ޖުމެއިރާ މޯލްޑިވްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

ނޯތު ކާފްގެ ސެމީ ފައިނަލްގައި ކުރުނބާ މޯލްޑިވްސް ވަނީ 1-0 އިން ބަރޮސް މޯލްޑިވްސް ބަލިކޮށްފަ އެވެ. ދެވަނަ ސެމީގައި ޖުމެއިރާ އާއި މީރު މޯލްޑިވްސް 2-2 އިން އެއްވަރު ވުމުން، ޕެނަލްޓީގައި ޖުމެއިރާ ކުރިހޯދީ 5-4 އިންނެވެ.

ކުރުނބާ އާއި ޖުމެއިރާ ބައްދަލުކުރާ މެޗު ކުޅޭނީ މާދަމާ ހަވީރު ކުރުނބާ ރިސޯޓުގަ އެވެ.

މި ޒޯނުގެ ކުޅުން ކުރިއަށް ދިޔައީ ނުވަ ޓީމެއް ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގުރޫޕް އެކެއްގައި ހިމެނުނީ ބަނޑޮސް، އޮބްލޫ ސަންގެލި، ކުރުނބާ، ޝެރެޓަން އަދި މީރު މޯލްޑިވްސް އެވެ. ދެވަނަ ގުރޫޕުގައި ހިމެނުނީ ޖުމެއިރާ، އޮބްލޫ އަލިފުށި، ބަރޮސް މޯލްޑިވްސް އަދި ކޮކޯ ބޮޑު ހިއްޗެވެ.

ނޯތު ކާފްގެ ޗެމްޕިއަންކަން ހޯދާ ޓީމު، ޓެކާސް މުބާރާތުގެ މިއަހަރުގެ "ގްރޭންޑް" ސެމީ ފައިނަލްގައި ބައްދަލުކުރާނީ ނ. އަތޮޅު ޒޯންގެ ޗެމްޕިއަންކަން ހޯދި ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓާ ދެކޮޅަށެވެ. ދެވަނަ ސެމީ ފައިނަލް މެޗުގައި ސައުތު ކާފްގެ ޗެމްޕިއަން ކްރޮސްރޯޑްސް މޯލްޑިވްސް އާއި ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓެވެ.

ނޯތު ކާފަކީ ޖުމްލަ ހަތް ޒޯނު ހިމެނޭ މި މުބާރާތުގައި ކުޅޭ ފަހު ޒޯނެވެ. ވެލާ އައިލެންޑް ސެމީއަށް ދިޔައީ ކުއާޓާގައި ރ. އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ބަލިކޮށްފަ އެވެ. ޅ. އަތޮޅު ޒޯންގެ ޗެމްޕިއަން ކޮކޫން ބަލިކޮށް ވެލާ ކުއާޓާ އިން ފުރުސަތު ހޯދި އިރު، ޖޯލި ކުއާޓާއަށް ދިޔައީ ބ. އަތޮޅުގެ ޗެމްޕިއަން މިލައިދޫ ބަލިކޮށްފަ އެވެ.

ގްރޭންޑް ސެމީ ފައިނަލްގެ މެޗުތައް އޮންނާނީ ބުރާސްފަތި ދުވަހު ކުރުނބާ ރިސޯޓުގަ އެވެ.