އަތު ނުޖެހިގެން އުޅުނު ވަގު ފުލުހުންގެ ހާޒިރުގައި ކައިވެނިކޮށްފި
އަތު ނުޖެހިގެން އުޅުނު ވަގު ފުލުހުންގެ ހާޒިރުގައި ކައިވެނިކޮށްފި

އިންޑިއާގެ މުމްބައިގެ ތާނޭ ޑިސްޓްރިކްޓްގައި މިދިޔަ ހަފުތާގައި "ވަގުންގެ" ކައިވެނީގެ ހަފުލާއެއް އޮތެވެ. މި ހަފުލާއަށް ހާހަކަށް ވުރެ ގިނަ މެހެމާނުން ދިޔައިރު މީގެ ތެރޭގައި ގިނައީ އެކި ކަހަލަ ވައްކަން ކުރުމަށް ނަން މަޝްހޫރު މީހުންނެވެ. މީގެ ތެރޭގައި މީހުންގެ ކަރުގައި އޮންނަ ފަށް ދަމައިގަތުމަށް މަޝްހޫރު މީހުންނާއި ވައްކަންކުރުމުގައި ގިނަ ޒަމާންތަކެއް ވަންދެން އުޅެފައި ތިބި މީހުންނާއި ތަންތަން ލޫޓުވުމުގައި ނަން މަޝްހޫރު މީހުން ހިމެނުނެވެ.

މި ރަސްމިއްޔާތުތައް ވަރަށް ގާތުން ބަލަން ވިއްސަކަށް ފުލުހުން ވެސް ތިއްބެވެ. ނަމަވެސް އެމީހުން އެތަނުގައި ހިނގި އެއްވެސް ކަމަކާ ނުބެހެ އެވެ. ނަމަވެސް މިކަން ހިނގައިދިޔަ ގޮތް ބަލަން ތަހުގީގެއް ފެށުމަށް ތާނޭގެ ޕޮލިސް ކޮމިޝަނަރު ޕަރަމްބީރް ސިންގް މިހާރު ވަނީ އަމުރެއް ނެރުއްވާފަ އެވެ.

ފުލުހުން ބުނާ ގޮތުގައި ކައިވެނިކުރި، އިރާނީގެ ވަނަމުގައި މަޝްހޫރުވެފައިވާ ފިރިހެންމީހާ، ތައުފީގު ތޭޖީ ޝާހް އަކީ ކަރުގައި އޮންނަ ފަށް ފޭރިގަތުމުގެ 25 މައްސަލައެއް އޮތް މީހެކެވެ. އޭނާ ކައިވެނިކުރީ ބޮޑުދައިތައެއްގެ ދަރިއެއް ކަމަށްވާ ސޮހްރާ އިރާނީ އާ އެވެ. ސޮހްރާ އަކީ އެންމެ 15 އަހަރުގެ ކުއްޖެކެވެ. ނަމަވެސް މިއީވެސް މާ ބޮޑު މައްސަލައަކަށް ނުވީ މުޅި ރަސްމިއްޔާތުގައި ވެސް ހިނގަމުންދިޔައީ އެކި ކުށްތަކަށް އަރައިގެންފައި ތިބި މީހުންނާ އެކުގައި ކަމަށް ވާތީ އެވެ.

ތައުފީގު، 20، ވަނީ 2012 ވަނަ އަހަރު ވެސް ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށް ފާސްކުރުމުން، ކަރުގައި އަޅާ ގިނަ އަދަދެއްގެ ފަށާއި އަގުހުރި ސާމާނުތައް ފެނުނެވެ. ނަމަވެސް ކަފާލާތުގެ ދަށުން އޭނާ މިނިވަންވުމާ އެކު އަނެއްކާވެސް ފޭރެން ފެށީ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަނެއްކާވެސް އޭނާ ހައްޔަރުކޮށް އޭނާގެ މައްޗަށް ދައުވާ އުފުލާފައިވެ އެވެ. އެ ފަހަރު އޭނާ ހައްޔަރު ނުކުރެވުނީ ފިލައިގެން އުޅޭތީ އެވެ.

މިހާރު ތަހުގީގުކުރަމުންދަނީ ކައިވެނީގެ ރަސްމިއްޔާތުން ތައުފީގު ފެނުނު ފުލުހުން އޭނާ ހައްޔަރު ނުކުރި މައްސަލަ އެވެ. އޭނާ ހައްޔަރުކުރާނެ ރަނުގެ ފުރުސަތެއް ލިބި އެ ފުރުސަތު ބޭނުން ނުކުރީ ކީއްވެތޯ އެވެ.

ތާނޭގެ އެންޓި-ޗެއިން ސްނެޗިން ސްކޮޑުގެ ވެރިއަކަށް ހުންނެވި ސީނިއާ އިންސްޕެކްޓާ ރަވިންދުރަ ޑޮއިފޮޑޭ ވިދާޅުވީ އޭނާގެ ޓީމަށް އަމުރު ލިބިފައިވަނީ ހަމައެކަނި އެ ރަސްމިއްޔާތު ގާތުން ބަލަން ކަމަށެވެ. ކައިވެންޏަކަށް ހުރަސް އެޅުމަކީ ގާނޫނާ ހިލާފުވުން ކަމަށް ވެދާނެ ކަމަށާއި އެހެން ނޫނަސް ކައިވެންޏެއް ކުރިޔަށް ދަނިކޮށް އެކަމަށް ހުރަސް އެޅުމަކީ އެހާ ރަނގަޅުކަމެއް ކަމަކަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެވަގުތު ތައުފީގު ހައްޔަރުކުރަން މަސައްކަތްކުރި ނަމަ އެތަނުގައި ތިބި އަންހެނުންނާއި ކުޑަކުދިން އިންސާނީ އައްޑަނައަށް ހަދައިގެން ވަގުން ފިލަން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކައިވެނި ކުރި ދުވަހު ތައުފީގު އަތުލައިނުގަތުމުން ފާޑުކިޔަން ފެށުމުން ފުލުހުން ވަރަށް މަސައްކަތުން މިދިޔަ އަންގާރަ ދުވަހު ވަގު ކަލޭގެ ހައްޔަރުކޮށްފައިވާ ކަމަށް ޓައިމްސް އޮފް އިންޑިއާއިން ބުރާސްފަތި ދުވަހު ބުނެފައިވެ އެވެ.