28 އޯގަސްޓް 2023 - 15:51

ގްރޭޑް އެކެއްގެ ގުރުއާން ފޮތުގެ ބައެއް އާޔަތްތައް ނުބައި ކަމަށްބުނެ ދައުރުކުރަމުންދަނީ ސްކޫލުތަކުގައި ބޭނުންކުރުން ހުއްޓާލާފައިވާ ފޮތްތަކެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިސްލާމާއި ގުރުއާން ފޮތްތަކުގެ އާޔަތްތައް އޮޅުވާލައި، ނުބައިކޮށް ލިޔެވިފައި ހުރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2021 ވަނަ އަހަރު އެވެ. އެއީ ގްރޭޑް އެކެއްގެ ދަރިވަރުންގެ އިސްލާމް ފޮތުގެ 64 ވަނަ ސަފްހާގައި ދެ ސޫރަތެއްގެ އާޔަތްތައް އޮޅިފައިވާ ކަމަށް މައްސަލައެކެވެ.
ދީނީ އިލްމުވެރިޔާ ޝައިހް އާދަމް ނިޝާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އާޔަތްތައް ނުބައިކޮށް ހުރި ކަމަށް ބުނެ މިއީ އިސްކަންދަރު ސްކޫލްގެ ގްރޭޑް އެކެއްގެ ދަރިވަރެއްގެ މި އަހަރުގެ ގުރްއާން ފޮތް ކަމަށް ބުނެފައިވެ އެވެ.
އެކަމަކު އެއީ މީގެ ދެ އަހަރު ކުރިން ފާހަގަވެ ފަހުން ހައްލުކޮށްފައި އޮތް ކަމެކެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އިހުސާން "މިހާރު" އަށް ވިދާޅުވީ އެ ފޮތްތަކުގައި މައްސަލަ ހުރިކަން އެނގުމާ އެކު އޭރު މިނިސްޓްރީން މައްސަލަ ބަލާފައިވާ ކަމަށެވެ.
"ދީނީ އިލްމުވެރިން ވެސް ކަންކަމުގެ ހަގީގަތް އޮންނަ ގޮތް ބަލާފައި އެއްޗެހި ލިޔުން އަޅުގަނޑު އެދެނީ. އެ ބޭފުޅާ ޓްވީޓުކޮށްފައި އެ އޮތް ފޮތަކީ މީގެ ދެ އަހަރު ކުރިން މައްސަލަ ހުރެގެން ބޭނުން ކުރުން ހުއްޓާލާފައިވާ ފޮތްތަކެއް. އެއްވެސް ސްކޫލަކުން އެ ބޭނުމެއް ނުކުރާނެ،" އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ފޮތްތަކުގެ މައްސަލަތައް ނަގައިގެން ސޯޝަލް މީޑިއާގައި ފަތުރަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ.
"ކޮންމެ ކަމެއްގައި ވެސް ރީތި ގޮތެއް އޮންނާނެ. އެފަދަ މައްސަލައެއް ފާހަގަވެއްޖެ ނަމަ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުން މާ ރަނގަޅުވާނެ ސޯޝަލް މީޑިއާއަށް އެ ދޫކޮށްލެއްވުމަށްވުރެ. މައްސަލައެއް އުޅޭ ނަމަ މިނިސްޓްރީން އެކަމެއް ހައްލު ކޮށްދޭނެ،" އިހުސާން ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން އެ މައްސަލަ ދިމާވެގެން އެ ފޮތްތައް ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށް ވާހަކަ ދައްކާލި ބައެއް ބެލެނިވެރިން ވެސް ބުންޏެވެ.
އޭރު އެ މައްސަލަ ފެންމަތިވުމުން އިސްލާމިކް މިނިސްޓްރީން ވަނީ ގުރުއާން ލިޔެ ޗާޕްކޮށްފައި ހުންނަ ބައެއް ފޮތްތަކުން ކުށް ފާހަގަކުރެވުމާ ގުޅިގެން ކުށް ހުރިތޯ ބެލުމަށް ހާއްސަ ކޮމިޓީއެއް ވެސް އެކުލަވާލައިފަ އެވެ.