28 އޯގަސްޓް 2023 - 11:07

ދެވަނަ ދައުރަކަށް ހޮވިވަޑައިގެން އިގްތިސާދީ މަސައްކަތްތައް މިހާރު ކުރިޔަށްދާ ގޮތަށް ގެންދެވިއްޖެ ނަމަ 2028 ވަނަ އަހަރު ހުށަހަޅުއްވާނީ އަރަނި ބަޖެޓެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ރަށްރަށަށް ރައީސް ކުރައްވާ ކެމްޕެއިން ދަތުރުގައި މިއަދު އެ އަތޮޅު ގާދިއްފުއްޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވައުދު ވާއިރު ދައުލަތަށް ފައިސާ އިތުރަށް ހޯދޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށާއި ރާއްޖެ އަންނަ އިގްތިސާދީ ބޮޑު ބަދަލުގެ ސަބަބުން އެކަން ހާސިލްވާ ތަން ފެންނަ ކަމަށެވެ.

މި ދައުރުގެ ތެރޭގައި އެއާޕޯޓު އެޅުމާއި ބަނދަރާއި އާރްޓީއެލް ނިޒާމުން ރާއްޖެ ގުޅާލުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށާއި އެއިން ކޮންމެ މަޝްރޫއަކީ އިތުރު ވަޒީފާ އާއި އާމްދަނީ ދައުލަތަށް ވެސް ލިބޭ މަސައްކަތްތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ދައުލަތުގެ އާމްދަނީ އިތުރު ވަމުންދާތަން ވަރަށް ސާފުކޮށް ފެނޭ. އިތުރު ކުރެވޭނެ ކަން،" ރައީސް ވިދާޅުވި އެވެ.
އޭގެ ނަތީޖާއެއް ގޮތުން 2018 ވަނަ އަހަރުން ފެށިގެން 2028 ވަނަ އަހަރަށް ރާއްޖޭގެ އިގްތިސާދުގެ ސައިޒު 170 ބިލިއަނަށް ގެންދެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިގްތިސާދު ފުޅާކޮށް މަޝްރޫއުތައް ހިންގަން ފެށުމުން ފައިސާ އިތުރުވަމުން ދާނެ ކަމަށާއި 2023 ވަނަ އަހަރު އަންނަ އިރު 45 ބިލިއަން ރުފިޔާ ހުރަސްކޮށް 50 ބިލިއަން އާ ދިމާލަށް އަމާޒު ހިފާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ނަތީޖާ އަކަށް ވާނީ ކުރަން ބޭނުންވާ މަސައްކަތްތަކަށް ދައުލަތުގައި ފައިސާ ހުރުން. 2028 ވަނަ އަހަރު ހުށަހަޅާ ބަޖެޓަކީ އަރަނި ބެޖަޓަކަށް ވެގެން ދާނެ. މިއީ އަޅުގަނޑުމެންގެ އަމާޒަކީ މިކަން ކުރުމަށްޓަކައި މި ސިޔާސަތުތައް ދަމަހައްޓަން ޖެހޭ." ރައީސް ވިދާޅުވި އެވެ.
ކުރީ ސަރުކާރުތަކުގެ އެޖެންޑާގައި ކުދި ރަށްތަކެއް ނުހިމެނޭ ކަމަށާއި ގާދިއްފުއްޓަކީ އޭގެ މިސާލެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރަށުގެ ބަނދަރާއި ފެނާއި ނަރުދަމާ އަދި ރަށް ގިރުމާއި ސިއްހީ ހިދުމަތާއި ތައުލީމީ ހިދުމަތްތައް ވެސް އޮތީ ފެންވަރު ދަށްކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
- ބިން އިތުރު ކުރުމާއި ބޯހިޔާވެހިކަމުގެ ދަތިކަން ހައްލު ކުރުން
- އުސްފުށި ޕިކްނިކް އައިލެންޑަކަށް ހެދުން
- މޫދަށް އެރޭ ސަރަހައްދެއް ހެދުން
- ހެލްތު ސެންޓަރު އިތުރު އިމާރާތެއް އެޅުން
- ވޮލީ ކޯޓަކާއި އައުޓް ޑޯ ޖިމެއް އެޅުން.