އަމްޕަޔަރުގެ ނިންމުމާމެދު ހިތްހަމަ ނުޖެހުން، އަންހެން ބެޑްމިންޓަން ޓީމަށް މެޑަލް
އަމްޕަޔަރުގެ ނިންމުމާމެދު ހިތްހަމަ ނުޖެހުން، އަންހެން ބެޑްމިންޓަން ޓީމަށް މެޑަލް

ލީގު އުސޫލުން ކުޅޭ ބެޑްމިންޓަން އަންހެން ޓީމް އިވެންޓުގައި އިއްޔެ ކުޅުނު ދެ މެޗުގެ ތެރެއިން ވަރުގަދަ މޮރީޝަސްއާ ދެކޮޅަށް ކުޅެ 3-2 ސެޓުން ބަލިވުމުން ރާއްޖެއަށް ރަން މެޑަލް ގެއްލިއްޖެ އެވެ.

އަމްޕަޔަރުގެ ނިންމުމާމެދު ހިތްހަމަ ނުޖެހުން، އަންހެން ބެޑްމިންޓަން ޓީމަށް މެޑަލް
އަމްޕަޔަރުގެ ނިންމުމާމެދު ހިތްހަމަ ނުޖެހުން، އަންހެން ބެޑްމިންޓަން ޓީމަށް މެޑަލް

މުބާރާތުގައި އެންމެ ވަރުގަދަކޮށް ފެންނަ މޮރީޝަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ސްކޯ ބޯޑުތަކުގެ މައްސަލަ ދިމާވެ، ސްކޯ އޮޅޭގޮތަށް ޕޮއިންޓު އަޅުވާތީ ދެ ޓީމުގެ ކުޅުންތެރިން ވެސް ވަނީ މެޗު ތެރޭން އަމްޕަޔަރުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

މޮރީޝަސް އަތުން ބަލިވި ނަމަވެސް ރާއްޖޭގެ ޓީމުން ވަނީ މުބާރާތުން މެޑަލް ޔަގީން ކޮށްފަ އެވެ.

މޮރީޝަސްއާ ދެކޮޅަށް ފުރަތަމަ ފާތިމަތު ނަބާހާގެ ސިންގަލްސް ގޭމް 21-16، 21-11 އިން ބަލިވި އިރު އާމިނަތު ނަބީހާ ވަނީ 19-21، 21-12، 21-16 އިން ދެވަނަ ގޭމް ކާމިޔާބު ކޮށްފަ އެވެ. މައިސާ ފަތުހުﷲ ކުޅުނު ގޭމުން ބަލިވީ 21-14، 21-15 އިންނެވެ. ނަބާހާ އާއި ނަބީހާގެ ޑަބަލްސް ގޭމު 21-9، 21-15 އިން ކާމިޔާބު ކޮށްފައި ވަނިކޮށް އައިޝަތު އަފްނާން ރަޝީދާއި މައިސާގެ ޕެއާ ބަލިވީ 21-15، 21-7 އިންނެވެ.

ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ވަނީ މުބާރާތް ބާއްވާ ގައުމު މަޑަގަސްކަރައާ ވާދަކޮށް ފަސޭހަ ކަމާއެކު 4-1 ގޭމުން މޮޅުވެފަ އެވެ.

މަޑަގަސްކަރައާ ދެކޮޅަށް ނަބާހާގެ ސިންގަލްސް 21-10، 21-7 އިން ކާމިޔާބު ކުރިއިރު ނަބީހާ ވަނީ 21-10، 21-14 އިން މޮޅުވެފަ އެވެ. މައިސާ މޮޅުވީ 21-18، 21-15 އިންނެވެ. ނަބާހާ އާއި ނަބީހާގެ ޑަބަލްސް 21-14، 21-8 އިން ކާމިޔާބު ކުރި ނަމަވެސް އަފްނާން އާއި މައިސާގެ ޑަބަލްސް ނުކުޅެ އެވެ.

އެންމެ ފަހު ޑަބަލްސް ގޭމު ދޫކޮށްލީ، މައިސާގެ ސިންގަލްސް ގޭމު ނިމުނު ފަހުން އޭނާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

އިއްޔެގެ ސްވިމިން ފަސް އިވެންޓެއްގައި ރާއްޖޭން ވާދަ ކުރިއިރު، ދެ އެތުލީޓުން ވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ.

ގައުމީ ރެކޯޑް އާކުރީ އަންހެން ފެތުންތެރިޔާ ހަނާން ހަސަން ހަލީމް އާއި ފިރިހެން ފެތުންތެރިޔާ މުހައްމަދު އާން ހުސެއިން އެވެ.

ހަނާން ގައުމީ ރެކޯޑް އާކުރީ އަންހެނުންގެ 50 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓުގެ ޕްރރިލިމިނަރީ ހީޓް 32.15 ސިކުންތުން ނިންމައިގެންނެވެ. އޭނާއާ އެއް ހީޓެއްގައި ވާދަކުރި މެރާލް އައިން ލަތީފް ރޭސް ނިންމީ 32.76 ސިކުންތުންނެވެ.

އާން ރެކޯޑް ހެދީ ފިރިހެނުންގެ 50 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓުގެ ފައިނަލްގަ އެވެ. ފައިނަލްގައި އޭނާ އޭނާގެ ޓައިމިން އަކީ 27.23 ސިކުންތެވެ. ފިރިހެނުންގެ 50 މީޓަރު ބަޓަފްލައި ސްޓްރޯކް އިވެންޓުގެ ޕްރިލިމިނަރީ ހީޓުގައި އާން ފަތާފައި ވަނީ 27.33 ސިކުންތުންނެވެ. ޕްރިލިމިނަރީ ހީޓުގައި އާން އާއެކު ފެތި މުހައްމަދު ރިހާން ޝިހާމް ހީޓް ނިންމީ 27.99 ސިކުންތުންނެވެ.

އާން ވާދަކުރި ފައިނަލްގެ އިތުރުން ފަތަރު ފައިނަލެއްގައި ރާއްޖޭން އިއްޔެ ވާދަކުރި އެވެ. އެއީ ފިރިހެނުންގެ 400 މީޓަރު ފްރީސްޓައިލް އާއި އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކާއި ފިރިހެނުންގެ 100 މީޓަރު ބެކްސްޓްރޯކްގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންތެވެ.

ފިރިހެނުންގެ 400 މީޓަރު ފްރީސްޓައިލް އިވެންޓުގެ ފައިނަލްގައި ވާދަކުރި އަލީ އިމްއާންގެ ޓައިމިންއަކީ ހަތަރު މިނިޓް 55.92 ސިކުންތެވެ. ޕްރިލިމިނަރީ ބުރުގައި އޭނާ ހީޓް ނިންމާފައި ވަނީ ހަތަރު މިނިޓް 49.53 ސިކުންތުންނެވެ.

ފިރިހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ފައިނަލްގައި ވެސް ވާދަކުރީ އިމްއާން އެވެ. މި އިވެންޓުގައި އޭނާގެ ޓައިމިންއަކީ އެއް މިނިޓް 7.11 ސިކުންތެވެ. އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ފައިނަލްގައި ވާދަކުރި އައިޝަތު ސައުސަންގެ ޓައިމިންއަކީ އެއް މިނިޓް 21.45 ސިކުންތެވެ. ޕްރިލިމިނަރީ ހީޓުގައި ސައުސަން ފަތާފައި ވަނީ އެއް މިނިޓް 21.14 ސިކުންތުންނެވެ.

ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް ރިލޭ ފައިނަލްގައި ވާދަކުރި ރާއްޖޭގެ ޓީމު ރޭސް ނިންމީ ހަތަރު މިނިޓް 20.79 ސިކުންތުންނެވެ. މި އިވެންޓުގައި ފެތި ރާއްޖޭގެ އެތުލީޓުންނަކީ ސައުސަން އާއި މެރާލް އަދި އާން އާއި އިބްރާހިމް މުބާލް އައްޒާމެވެ.

އަންހެނުންނާއި ފިރިހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓު ވެސް އިއްޔެ އޮތެވެ. ފިރިހެނުންގެ އިވެންޓުގެ ޕްރިލިމިނަރީގައި ވާދަކުރި މުބާލް ފަތާފައި ވަނީ އެއް މިނިޓް 17.26 ސިކުންތުންނެވެ. މުހައްމަދު ޖޫދު ފަޔާޒް ނިންމީ އެއް މިނިޓް 17.38 ސިކުންތުންނެވެ.

އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައި ވާދަކުރީ ޒައިނަބް އަބްދުﷲ ޝަފީގާއި އީން އައްބާސް ޝަރީފެވެ. ޒައިނަބްގެ ޓައިމިންއަކީ އެއް މިނިޓް 27.77 ސިކުންތުންނެވެ. އީން ފެތީ އެއް މިނިޓް 35.05 ސިކުންތުންނެވެ.